ވާދަވެރި ކުޅުމަކަށްފަހު ޕާލްސް ބަލިކޮށް ގުރޫޕްގެ ދެވަނަ ކޭއެސްސީއަށް
ހަސަން ޝަމްއޫން
11/8/2024, 4:45:33 PM
ކޭއެސްސީ އާއި ޕާލްސް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: މާއު ގްރަފީ
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް އެކެއްގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ކުޑަހުވަދޫ ސްޕޯޓްސް ކުލަބު (ކޭއެސްސީ) އާއި ޕާލްސް ސްޕޯޓްސް ކުލަބު ވާދަކުރި މެޗު 11-18 ގެ ނަތީޖާއަކުން މޮޅުވެ ކޭއެސްސީ އިން ގުރޫޕްގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މުބާރާތުގައި ކޭއެސްސީ ކުޅުނު ފުރަތަމަ މެޗުގައި ޕޮލިސް އަތުން 14-13 ގެ ނަތީޖާއަކުން މޮޅުވިއިރު، ދެވަނަ މެޗުގައި އެލްކިޔު ސްޕޯޓްސް ކުލަބު އަތުން އެޓީމު ބަލިވީ 11-23 ގެ ނަތީޖާއަކުންނެވެ. އަދި ޕާލްސްގެ ފުރަތަމަ މެޗުގައި އެލްކިޔު އަތުން 14-17 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި ޕޮލިސް އަތުން އެޓީމު ބަލިވީ 8-19 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަތަރު ލަނޑުގެ ލީޑަކާއެކު 9-5 ގެ ނަތީޖާއަކުން ކޭއެސްސީ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު ނުވަ ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޕާލްސްއަށް ކާމިޔާބުކުރެވުނީ ހަ ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކޭއެސްސީ އައިޝަތު ސަޖާހާ މުސްތަފާއެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް ފަސް ލަނޑު ކާމިޔާބުކޮށްދީފައެވެ
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ކޭއެސްސީއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ޕާލްސް މުބާރާތް ނިންމާލީ ކުޅުނު ތިންމެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ގުރޫޕް ފުލުގައި އޮވެއެވެ.
މިއަހަރުގެ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 26 ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 26 ޓީމު ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމުގެ އިތުރުން ،ހަ ގުރޫޕްގެ ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.