ސޯލްޓީޒް ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީވައިއީއެސް އިން ކަށަވަރުކޮށްފި
ހަސަން ޝަމްއޫން
11/8/2024, 11:45:14 AM
ސޯލްޓީޒް އާއި ޓީވައިއީއެސް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: މާއު ގްރަފީ
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަން ގުރޫޕް ހަތަރެއްގައި މިއަދުު ހަވީރު ކުޅެވުނު ފުރަތަމަ މެޗުގައި ސޯލްޓީޒް ސްޕޯޓްސް ކުލަބާއި ތުޅާދޫ ޔަންގް އީގަލްސް (ޓީވައިއީއެސް) ކުޅުނު މެޗު ފަސޭހަކަމާއެކު 11-29 ގެ ނަތީޖާއަކުން މޮޅުވެ ގުރޫޕްގެ އެއްވަނަ ޓީވައިއީއެސް އިން ކަށަވަރުކޮށްފިއެވެ.
މުބާރާތުގައި ސޯލްޓީޒް ކުޅުނު ފުރަތަމަ މެޗުގައި ސެންޓް ސްޕޯޓްސް ކުލަބު އަތުން 12-19 ގެ ނަތީޖާއަކުން އެޓީމު މޮޅުވިއިރު، ދެވަނަ މެޗުގައި ޔޫތު ސްޕޯޓްސް ކުލަބު އަތުން އެޓީމު މޮޅުވީ 10-28 ގެ ނަތީޖާއަކުންނެވެ. އަދި ޓީވައިއީއެސްގެ ފުރަތަމަ މެޗުގައި ޔޫތް އަތުން 27-11 ގެ ނަތީޖާއަކުން އެޓީމު މޮޅުވިއިރު، ދެވަނަ މެޗުގައި ސެންޓް އަތުން އެޓީމު މޮޅުވީ 24-8 ނަތީޖާއަކުންނެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ޓީވައިއީއެސް އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 13 ލަނޑުގެ ލީޑަކާއެކު 8-16 ގެ ނަތީޖާއަކުން ޓީވައިއީއެސް ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު 13 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ސޯލްޓީޒްއަށް ކާމިޔާބުކުރެވުނީ އަށް ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީވައިއީއެސްގެ އަމްސަލް މުހައްމަދު އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީވައިއީއެސް ކުއާޓާ ފައިނަލުން ޖާގަހޯދިއިރު، މިމެޗުން ބަކިވިސޯލްޓީޒް ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ
މިއަހަރުގެ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި 16ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 16ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.