ރޫކީސް ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުފައި ވެޓަރަންސް ކުއާޓާ ފައިނަލަށް
ހަސަން ޝަމްއޫން
11/7/2024, 1:11:35 PM
ރޫކިސް އާއި ވެޓަރަންސް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: މާއު ގްރަފީ
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަން ގުރޫޕް ދޭއްގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ހޭންޑްބޯޅަ ވެޓަރަންސް ކުލަބާއި ރޫކީސް ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ފަސޭހަކަމާއެކު 26-9 ގެ ނަތީޖާއަކުން މޮޅުވެ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ވެޓަރަންސް މުބާރާތިގެ ކުއާޓާ ފައިނަލުން ޖާގަހޯދައިފިއެވެ.
މުބާރާތުގައި ވެޓަރަންސް ކުޅުނު ފުރަތަމަ މެޗުގައި ކީން ސްޕޯޓްސް ކުލަބު އަތުން 20-16 ގެ ނަތީޖާއަކުން މޮޅުވިއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ 17-15 ގެ ނަތީޖާއަކުން ޒެނިތް ސްޕޯޓްސް ކުލަބު ބަލިކޮށްފައެވެ. އަދި ރޫކީސްގެ ފުރަތަމަ މެޗުގައި ޒެނިތު އަތުން 17-10 ގެ ނަތީޖާއަކުން އެޓީމު ބަލިވިއިރު، ދެވަނަ މެޗުގައި ކީން ސްޕޯޓްސް ކުލަބު އަތުން އެޓީމު ބަލިވީ 24-5 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ވެޓަރަންސް އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައިީ އަށް ލަނޑުގެ ލީޑަކާއެކު 14-6 ގެ ނަތީޖާއަކުން ވެޓަރަންސް ކުރާގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު 12 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ރޫކީސްއަށް ކާމިޔާބުކުރެވުނީ އެންމެ ތިން ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެޓަރަންސްގެ އިސްމާއިލް ރިޝާދު އެވެ. އެނާ ވަނީ މިމެޗުގައި އެޓީމަށް ހަތަރު ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިނަތީޖާއެކު ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ހޭންޑްބޯޅަ ވެޓަރަންސް ކުލަބު ކުއާޓާ ފައިނަލުން ޖާގަހޯދިއިރު، މިމެޗުން ބަލިވި ރޫކީސް ކުޅުނު ތިން މެޗުންވެސް ބަލިވެ، އެޓީމުން މުބާރާތް ނިންމާލީ ގުރޫޕްގެ ފުލުގައި އޮވެއެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި 16ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 16ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.