ގުރޫޕްގެ ފަހު މެޗުގައި ޔޫތް ބަލިކޮށް ސެންޓް އެސްސީ އިން މުބާރާތް ނިންމާލީ މޮޅަކާއެކު
ހަސަން ޝަމްއޫން
11/7/2024, 6:15:05 PM
ޔޫތާއި ސެންޓް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: މާއު ގުރަގީ
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަން ގުރޫޕް ހަތަރެއްގައި މިރޭ ކުޅުނު ތިންވަނަ މެޗުގައި ޔޫތު ސްޕޯޓްސް ކުލަބާއި ސެންޓް ސްޕޯޓްސް ކުލަބު ވާދަކުރި މެޗު 21-9 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސެންޓުން މުބާރާތް ނިންމާލީ މޮޅަކާއެކު އެވެ.
މުބާރާތުގައި ސެންޓް ކުޅުނު ފުރަތަމަ މެޗުގައި ސޯލްޓީޒް ސްޕޯޓްސް ކުލަބު އަތުން 12-19 ގެ ނަތީޖާއަކުން އެޓީމު ބަލިވިއިރު، ދެވަނަ މެޗުގައި ތުޅާދޫ ޔަންގް އީގަލްސް (ޓީވައިއީއެސް) އަތުން އެޓީމު ބަލިވީ 8-24 ގެ ނަތީޖާއަކުންނެވެ. އަދި ޔޫތުގެ ފުރަތަމަ މެޗުގައި ޓީވައިއީއެސް އަތުން 27-11 ގެ ނަތީޖާއަކުން އެޓީމު ބަލިވިއިރު، ދެވަނަ މެޗުގައި ސޯލްޓީޒް އަތުން އެޓީމު ބަލިވީ 10-28 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށްކުޅެ ސެންޓް އެސްސީ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ފަސް ލަނޑުގެ ލީޑަކާއެކު 11-6 ގެ ނަތީޖާއަކުން ސެންޓް އެސްސީ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު 10 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޔޫތަށް ކާމިޔާބުކުރެވުނީ އެންމެ ތިން ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސެންޓްގެ އަލީ ޝާއިފް ޝާހީން އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް ހަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ސެންޓުން މުބާރާތް ނިންމާލީ ގުރޫޕްގެ ތިންވަނައިގައި އޮވެއެވެ. އަދި މިމެޗުން ބަލިވި ޔޫތް ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް ބަލިވެފައިވާއިރު، އެޓީމުން މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި އޮވެއެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި 16ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 16ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.