logoEN
Sto top
ކުއްލި ނުރައްކަލުގެ ހާލަތަށް ދިވެހިން އަބަދުވެސް ތިބެންވާނީ ހޭލާ - މައުމޫން

ކުއްލި ނުރައްކަލުގެ ހާލަތަށް ދިވެހިން އަބަދުވެސް ތިބެންވާނީ ހޭލާ - މައުމޫން

އަލްފާ އަލީ

logo

11/3/2024, 5:50:06 PM

# ރައީސް މައުމޫން

-

ރާއްޖެ އަށް ކުއްލި ނުރައްކަލެއް ދިމާވުމަކީ އަބަދުވެސް ދިމާވެދާނެ ކަމެއް ކަމަށާއި އެކަމަށް އަބަދުވެސް ދިވެހިން ތިބެން ވާނީ ހޭލާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

Wamco

އެމަނިކުފާނު މިހެން ވިދާޅުވީ، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މައުމޫން ވިދާޅުވީ ދުނިޔޭގެ ސިޔާސީ އޮއިވަރުތައް ހިނގަމުންދާ ގޮތުން ރާއްޖެ އަށް ކުއްލި ނުރައްކަލެއް ދިމާވުމަކީ އަބަދުވެސް ވެދާނެ ކަމެއް ކަމަށާއި އެކަމަށް ރައްޔިތުން އަބަދުވެސް ތިބެންވާނީ ހޭލާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ވަރުގަދަކުރައްވައި ދެމެހެއްޓެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތައް، ރައީސް ވަނީ ޝުކުރުއަދާކުރައްވައި، ސާބަސް ދެއްވާފައެވެ.

ނަޞްރުގެ ދުވަހުން ޙާޞިލުކުރެވިދާނެ ޢިބުރަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ، ޤައުމީ އުޞޫލުތަކަކީ ސިޔާސީ ކަންކަމަށްވުރެ އިސްކަންދޭންޖެހޭ ކަންތައްތަކެއްކަން ހަނދުމަފުޅުކޮށްއަރުވާފައެވެ. އަދި ޤައުމުގެ ޢިއްޒަތާއި ޝަރަފަށްޓަކައި ފުރާނައިން ޤުރުބާންވުމަކީ ދިވެހިންގެ ތެރޭގައި ވަރަށް ފުނަށް، ބިންވަޅުނެގިފައިވާ ކަމެއްކަން ނަޞްރުގެ ދުވަހު އެނގިވަޑައިގެންނެވި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު އެ ދުވަހު ޝަހީދުވި ސިފައިން ސިފަކުރެއްވީ، ޤައުމުގެ މިނިވަންކަމާ ސިޔާދަތުގެ ދިފާޢުގައި އަދި ދިވެހިރާއްޖޭގެ ޢިއްޒަތާ ޝަރަފަށްޓަކައި މަރުވެދިޔަ ޤައުމީ އަބުޠާލުންގެ ގޮތުގައެވެ. އަދި އެ ދުވަހު ޤައުމަށް ލިބުނު ނަޞްރަކީ، މާތް ﷲ ގެ ހަޟްރަތުން ލިބުނު ނަޞްރެއްކަން ހަނދާންކުރަންޖެހޭކަމަށާއި، އަޅުގަނޑުމެންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިވެސް އަޅުގަނޑުމެންގެ އީމާންކަން ވަރުގަދަކޮށް، މާތް ﷲ އަށް އޮންނަ ލޯބި އިތުރުކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

އޭރުވެސް، އަދި ފަހުންވެސް، ދިވެހި ސިޔާދަތައް ތާއީދުކުރާ، އެކުވެރި ޤައުމުތަކާއި، ބައިނަލްއަޤުވާމީ ޖަމާޢަތްތަކަށް ޝުކުރު ދަމަހައްޓަންޖެހޭ ކަމަށްވެސް ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވިއެވެ. އަދި ނަޞްރުގެ ދުވަހު އެހީތެރިވެދިން ޤައުމުތަކާއި ޖަމިއްޔާތަކުގެ އަގުވަޒަންކުރަންޖެހޭކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ވާހަކަފުޅު ނިންމަވާލެއްވީ، ދިވެހި ޤައުމު އިސްލާމްވީއްސުރެ، ދިވެހި ރާއްޖެ އޮތީ އިސްލާމީ އުއްމަތުގެ ރޫޙާނީ ވިންދު ޖަހާ ގުނަވަނެއްގެ ގޮތުގައިކަމަށް ވިދާޅުވެ، ފަލަސްތީނުގެ އުޚުއްވަތްތެރި ރައްޔިތުން، އަދި ވަކިން ޙާއްސަކޮށް ޣައްޒާގެ ރައްޔިތުން ތަހައްމަލުކުރަމުންދާ އިސްރާއިލުގެ ލާއިންސާނީ އަނިޔާ ކުށްވެރިކޮށް ފަލަސްތީނުގެ ޖިހާދަށް ތާއީދުކުރުމުގައި ދިވެހިން ދެމިތިބުމަށް ދިވެހިންނަށް އިލްތިމާސްކުރައްވަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside