
ރައީސް މައުމޫން އަދި ރައީސީ
އިރާނުގެ ރައީސް އިބްރާހީމް ރައީސީ އަަވަހާރަވުމާއި ގުޅިގެން ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތައުޒިޔާ ފޮނުއްވައިފި އެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މައުމޫން ވިދާޅުވީ އީރާނުގެ ރައީސާއި ޚާރިޖީ ވަޒީރު އަވަހާރަވުމާ ގުޅިގެން އެޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
އަދި މާތް الله އެމީހުންގެ ފުރާނައަށް ބަރަކާތްލައްވައި ސުވަރުގޭގެ ދައިމީ ނިއުމަތް ލައްވައި، އީރާނުގެ ރައްޔިތުންނަށް ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ކެތްތެރިކަން މިންވަރު ކުރެއްވުމަށް އެދި ރައީސް މައުމޫން ވަނީ ދުއާކުރައްވާފައި އެވެ.
އިރާނުގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަވީ ބޯޑަރަކުން ގުޅިފައި އޮންނަ އަޒަރުބައިޖާނަށް ކުރެއްވި ރަސްމީ ދަތުރުފުޅަކަށް ފަހު އެނބުރި އިރާނަށް ވަޑައިގަންނަވަނިކޮށް ދަތުރުކުރައްވަމުން ގެެންދެވި ހެލިކޮޕްޓަރު ވެއްޓުމާއި ގުޅިގެންނެވެ. ހެލިކޮޕްޓަރު ވެއްޓުނު އިރު ރައީސީގެ އަރިހުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރް ޢަބްދުއްލުހައްޔާނީ ވެސް އިންނެވި އެވެ.
10 ގަޑިއިރަށްވުރެ ގިނަ ގަޑިއިރުގެ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަނަކަށްފަހު ވެއްޓުނު ހެލިކޮޕްޓަރު އޮފިޝަލުންނަށް ފެނިފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެވެ. އެގޮތުން ހެލިކޮޕްޓަރު އެންމެ ފުރަތަމަ ފެނިފައިވަނީ ސާރޗް އޮޕަރޭޝަންގައި ހަރަކާތެރިވަމުން ދިޔަ ތުރުކީގެ ޑްރޯންއަކަށެވެ. މިއާއި އެކު ޑްރޯންއިން ހޯދުނު މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ހެލިކޮޕްޓަރު އޮތް ސަރަހައްދަށް ރެސްކިއު އޮފިޝަލުން ދިޔަ އިރު ހެލިކޮޕްޓަރު އޮތީ ވަރަށް ބޮޑަށް އަނދާފައި އެވެ. އަދި ދިރުމެއްގެ އެެއްވެސް ނިޝާނެއް ނެތްކަން ވެސް އޮފިޝަލުން ވަނީ ކަށަވަރުކޮށްދީ ފައި އެވެ.