އަރީޝާގެ މޮޅު ކުޅުމާއެކު ޓީރެކްސް އަތުން ހިޔާއަށް ފަސޭހަ މޮޅެއް
އަހުމަދު މާހު
11/1/2024, 6:50:29 PM
ޓީރެކްސް އާއި ހިޔާ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ޝުރާއު
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ފަހެއްގައި ހިޔާ އާއި ޓީރެކްސް ވާދަކުރި މެޗު ފަސޭހަކަމާއެކު 25-6 ގެ ތަފާތުބޮޑު ނަތީޖާއަކުން ހިޔާ ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ހިޔާ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 11 ލަނޑުގެ ލީޑަކާއެކު 13-4 ގެ ނަތީޖާއަކުން ހިޔާ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު 14 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޓީރެކްސްއަށް ކާމިޔާބުކުރެވުނީ އެންމެ ދެލަނޑެވެ.
އެގޮތުން މިމެޗުގައި ހިޔާގެ މަރިޔަމް އަރީޝާ އަށް ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އައިޝަތު ލައިޒާ ފަސް ލަނޑު އަދި ފާތުމަތު އަހުމަދު ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ މަރިޔަމް ޝަރީފާ ހުސެއިން، ހައްވާ ޒާހިރާ އަދި އައިޝަތު ލީނާ މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު އެޓީމުގެ ފާތުމަތު ނިހާޔާތު އަދި ޚަދީޖާ ޔުމްނާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ޓީރެކްސްގެ އައިޝަތު އައިނީ ހުސެއިން ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އައިޝަތު އިބާ އަހުމަދު، އައުޝާ ނޫރުލް ސޮބާހް، އައިޝަތު ޚާޔާ ނާހިދު، އިންޝާ އައުމަދު ރިފާތު މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިޔާގެ މަރިޔަމް އަރީޝާ އެވެ.
މިއަހަރުގެ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 26 ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 26 ޓީމު ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމުގެ އިތުރުން ،ހަ ގުރޫޕްގެ ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.