ފިއޮންޓީ އަތުން ފެސާއަށް ފަސޭހަ މޮޅެއް
އަހުމަދު މާހު
11/1/2024, 4:45:53 PM
ފިއޮންތީ އާއި ފޭސާ ބައްދަލުކުރި މެޗުގެ ތެރެއިން.. ފޮޓޯ: މާއު ގްރަފީ
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ފަހެއްގައި ފިއޮންޓީ އާއި ފުަލައިން އީގަލްސް ސްޕޯޓްސް އެކަޑަމީ (ފެސާ) ވާދަކުރި މެޗު ފަސޭހަކަމާއެކު 20-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ފެސާ ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ފެސާ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 10 ލަނޑުގެ ލީޑަކާއެކު 11-1 ގެ ނަތީޖާއަކުން ފެސާ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު ނުވަ ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ފިއޮންޓީއަށް އެންމެ ލަނޑެއް ވެސް ކާމިޔާބެއް ނުކުރެވެއެވެ.
އެގޮތުން މިމެޗުގައި ފެސާގެ އާމިނަތު ލައާލީ ޚަލީލް އަށް ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އާމިނަތު އުލްޔާ ބިންތު މުހައްމަދު ވަސީމް ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެއިތުރުން އެޓީމުގެ މަރިޔަމް ކަރަމް ސައީދު އަދި އާމިނަތު ހަނާ މިއިން ކޮންމެ ކުޅުންތެރިއަކު ތިން ލަނޑު ކާމިޔާބުކުރިއިރު އެޓީމުގެ އޭޝަލް މުހައްމަދު ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ފިއޮންޓީގެ ހަމައެކަނި ލަނޑު އުޝާ މާހިރު ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެސާގެ އާމިނަތު ލައާލީ އެވެ.
މިއަހަރުގެ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 26 ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 26 ޓީމު ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމުގެ އިތުރުން ،ހަ ގުރޫޕްގެ ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.