ސްޓެލްކޯއިން ފަސް އަހަރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްފި
އަލްފާ އަލީ
10/27/2024, 4:45:36 PM
-
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން 2028ވަނަ އަހަރާ ހަމައަށް ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިމަނައިގެން އެ ކުންފުނީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (SAP) އިފްތިތާޙުކޮށްފި އެވެ.
ސްޓެލްކޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހުކޮށް ދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއެވެ.
ސްޓެލްކޯ އިން ބުނީ, މި ޕްލޭންއަކީ، ޙުސައިން ފަހުމީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް އަންނަމުން މިދާ ތަރައްގީއާއި ތަހުޒީބާއި، ކުރިއެރުންތަކާއި އެއް ހަމަޔަކަށް ކަރަންޓާއި، ފެނާއި ނަރުދަމާގެ ސިނާއަތް ގެންދިއުމަށް ކުރެވެން ހުރީ ކޮން މަސައްކަތްތަކެއްތޯ ބައްލަވައި، އެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރެވިގެންދާނެ މަގުކޮށްޓެވުމަށް ފެއްޓެވި މަސައްކަތްޕުޅުގެ ތެރެއިން، ކުންފުނީގެ ބޯޑުގެ ހަރުދަނާ ލަފަޔާއި އިރުޝާދާއި އެކުގައި ތައްޔާރުކުރެވިފައިވާ ޕްލޭނެއް ކަމަށެވެ.
މި ޕްލޭން އެކުލަވާލުމުގައި އަސާސްތަކެއްގެ ގޮތުގައި ބަލާފައިވަނީ ޚިދުމަތުގެ ކުރިއެރުމާއި، ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއިއެކު، ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ކަށަވަރު ކުރުން. ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ. މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކޮށްފައިވަނީ ކުންފުނީގެ އެކި ދާއިރާތަކުގެ ޓެކްނިކަލް އަދި މެނޭޖިރިއަލް މުވައްޒަފުން ހިމަނައިގެން އެކުލަވާލެވުނު އިލްމީ އަދި ގާބިލް ޓީމަކުން ކަމަށް އެކުންފުނިން ބުނެފައިވެއެވެ. އަދި މި ޓީމްގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ކުންފުނީގެ ސްޓްރެޓިޖިކް ކޮމިޓީގެ ހާއްސަ ބެއްލެވުމާއި އިރުޝާދުގެ ދަށުންކަމަށްވެސް ބުނެފައިވެއެވެ.
މި މަސައްކަތުގެ ތެރެއިން، ކުންފުނި ހިންގުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ އިސްވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްފަހު ކުންފުނީގެ މިޑްލް މެނޭޖްމަންޓްގައި ހިމެނޭ ޔުނިޓް ހެޑުންނާއި އެ މުވައްޒަފުންގެ ދަށުން މަސައްކަތްކުރާ ޓީމުތަކުގެ ޚީޔާލާއި އެއްގޮތަށް ޑިޕާޓްމަންޓްތައް ހިންގުމުގެ ޕްލޭންތައް އެކުލަވާލައި، މި ޕްލޭންގައި ހިމަނާފައިވާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
މި އެކްޝަން ޕްލޭންގައި އެކުލަވާލެވިފައިވާ ފްރޭމްވަރކްގައި 5 ސްޓްރެޓިޖިކް އޮބްޖެކްޓިވް، 19 ސްޓްރެޓިޖިކް ގޯލް، 55 ޓާގެޓް އަދި 96 އެކްޝަން ކަނޑައެޅިފައިވާ ކަމަށް އެކުންފުނިން ބުނެފައިވެއެވެ. އަދި މި ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި ކޮންމެ ޑިޕާޓްމަންޓަކަށްވެސް އެކްޝަންތަކަކާއި ޓާގެޓްތަކެއް ކަނޑައެޅިފައިވާނެ ކަމަށާއި މި ޓާގެޓްތައް ޙާޞިލްވޭތޯ މޮނިޓަރކުރެވޭނެ ނިޒާމެއް ޤާއިމްކުރެވިފައިވާނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.
ސްޓެލްކޯއިން ބުނެފައިވާގޮތުގައި, މި ސްޓްރެޓެޖިކް އެކްޝަން ޕްލޭނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޤައުމަށާއި ޔުޓިލިޓީ ހިދުމަތްތަކުގެ ސިނާއަތްތަކަށް ކަނޑައަޅުއްވާފައިވާ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެ މަތީންނާއި، ސްޓެލްކޯގެ ސްޓްރެޓެޖިކް ކޮމިޓީގެ ލަފާގެ މަތިން ތައްޔާރުކުރެވި އަދި، ކުންފުނީގެ ބޯޑުގެ ފުރިހަމަ ތާޢީދާއެކު އެކުލަވާލެވިފައިވާ ޕްލޭނެކެވެ.
މި އެކްޝަން ޕްލޭނާ ގުޅޭގޮތުން މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، ޒަމާނީ ވިސްނުމާއިއެކު ތައުލީމީ ޒުވާނުން މިތައްޔާރު ކުރީ އެކްޝަން ޕްލޭނަކީ މުސްތަގުބަލް ކަނޑައެޅުމުގެ ހަރުދަނާ ބިންގަލެއް ކަމަށެވެ.
ސްޓެލްކޯއިން ބުނީ މިފަދަ ޕްލޭނެއް އޮތުމުން ކުންފުނި ހިންގުމަށް އިތުރަށް ފަސޭހަވެ، ކުންފުނީގެ ހުރިހާ ދާއިރާއަކުންވެސް އެއް އަމާޒަކަށް މަސައްކަތްކުރެވި، ހިންގުން ހަރުދަނާކުރެވި، ކުންފުނީގެ މާލިއްޔާއިން ކުރެވޭ ޚަރަދުތަކަކީ ކުންފުނިން އެކަށައަޅާފައިވާ ލަނޑުދަނޑިތަކަށް ވާޞިލްވުމަށް މަގުފަހިވެގެންދާ ގޮތަށް ކުރެވޭ ޚަރަދުތަކެއް ކަމުގައި ވެގެންދާނެ ކަމަށެވެ. އަދި ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތި ކުރެވި، ރައްޔިތުންނާއި ކުންފުންޏާއި ދެމުދު އޮންނަ އިތުބާރާއި ގުޅުން އިތުރަށް ރަނގަޅު ކުރެވިގެންދާނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.