މީއީ ޤައުމުގެ މަސްލަހަތު ދިފާއުކުރުމުގައި ހަރުދަނާ ފިޔަވަޅުތައް އަޅަމުންދާ ސަރުކާރެއް - ފަހުމި
އަހުމަދު ޝުރާއު
11/17/2024, 2:59:44 PM
--
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ޤައުމުގެ މަސްލަހަތު ދިފާއުކުރުމުގައި ހަރުދަނާ ފިޔަވަޅުތައް އަޅަމުންދާ ސަރުކާރެއް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ފަހުމީ މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ރައީސް މުއިއްޒުގެ ވެރިކަމަށް 1 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
އެގޮތުން ފަހުމީގެ ޕޯސްޓުގައި ވިދާޅުވީ ދިވެހި ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ހުވާ ކުރައްވައި، ޤައުމުގެ ހުންގާނާ ހަވާލުވެވަޑައިގަތީ ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ކުރައްވަންޖެހޭ ކޮންމެ ކަމެއް ފަސްޖެހިވަޑައިނުގެން ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުން ކަމަށާއި އެ ދުވަހު ކުރެއްވި ހުވަޔާއި ދެއްވި ޔަޤީންކަމާ އެއްގޮތަށް، އެތެރެއާއި ބޭރުގެ ނުފޫޒުތަކަށް ބެއްލެވުމެއްނެތި، ދިވެހިރާއްޖެއަކީ އަރަނިވެރި، ތިޔާގި އަދި މާލީ ބުރަތަކަށް ވިލުންވެރި ޤައުމަކަށް ހެއްދެވުމަށް ރައީސް އަޅުއްވަމުން ގެންދަވާ ހިތްވަރުގަދަ ފިޔަވަޅުތަކުން އެކަނިވެސް، ޤައުމާއި ރައްޔިތުންދެކެ އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ލޯބި ހާމަވެގެންދާ ކަމަށެވެ.
މީގެ އިތުރުން، ޞިއްޙީގޮތުން ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ނިންމަވަންޖެހޭ ނިންމެވުންތައް ނިންމަވައި، އެކަންކަން ތަންފީޛު ކުރައްވަމުން ގެންދަވާ ހަލުވިކަމާއި، ރައްޔިތުންގެ ލާބަޔާއި މަންފާއަށް ނިންމަވަންޖެހޭ ކޮންމެ ނިންމެވުމެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ނިންމަވައި، ތަންފީޛުކުރެއްވުމުގައި ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާމެދު، ދިވެހި ޤައުމު ދެކެ ލޯބިވާ ރައްޔިތެއްގެ ހައިސިއްޔަތުން ފަޚުރުވެރިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.
" ރައީސް މުޢިއްޒުގެ ހަރުދަނާ ލީޑަރޝިޕްގެ ދަށުން، ވޭތުވެދިޔަ އަހަރު ތެރޭގައި ޤައުމަށް ލިބިފައިވާ ކުރިއެރުންތަކަށްޓަކައި އެމަނިކުފާނަށް ފަށްފަށުން ޝުކުރު ދަންނަވަން. " ފަހުމީގެ ޕޯސްޓުގައި ވިދާޅުވި އެވެ.
ފަހުމީ އިތުރަށް ވިދާޅުވީ މިއީ ހަމައެކަނި ސަރުކާރަށް އަހަރު ފުރުނު ދުވަހެއް ނޫން ކަމަށާއި މިއީ ރައްޔިތުންގެ އުއްމީދުތަކާއި އާ ކާމިޔާބީތަކުގެ ފެށުމުގެ އަހަރު ފުރުން. ސަރުކާރުން ދިވެހި ރައްޔިތުންނަށް ދެއްކީ އޯގާތެރިކަމާއި ހިތްވަރުގަދަކަމުގެ ނަމޫނާ ކަމަށެވެ, އަދި މި ސަރުކާރަކީ ކޮންމެ ދަތި ދަނޑިވަޅެއްގައިވެސް ރައްޔިތުންގެ އަޑުއަހައި، އެ ރައްޔިތުންގެ ބޭނުންތަކަށް އިޖާބަދިނުމުގައި ފަސްޖެހިލުމެއް ނެތި މަސައްކަތް ކުރަންކެރޭ އަދި ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކޮށް، ޤައުމުގެ މަސްލަހަތު ދިފާއުކުރުމުގައި ހަރުދަނާ ފިޔަވަޅުތައް އަޅަމުންދާ ސަރުކާރެއް ކަންވެސް ފަހުމީ ފާހަގަކުރެއްވި އެވެ.
ކުރިއަށް އޮތް ހަތަރު އަހަރަކީވެސް ޤައުމީ ތަރައްޤީގެ ދަތުރުގައި އިތުރު ކާމިޔާބީތައް ޙާޞިލްކުރެއްވޭނެ އަދި ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރެވޭ، ގައުމު އިތުރަށް ކުރިއަރާ ދިއުމުގެ ހެޔޮ ނަތީޖާ ފެންނާނެ އަހަރުތަކަކަށް ވެގެންދާނެ ކަމަށް ފަހުމީގެ ޕޯސްޓު ނިންމާވާލައްވަމުން ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ވެރިކަމަށް އެއް އަހަރު މިއަދު ފުރިގެން ދިޔައިރު ސްޓެލްކޯގެ އައު މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވެގެން ގޮސްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ މަސައްކަތް ރަނގަޅު އެއް މެނޭޖިންގ ޑިރެކްޓަރަށެވެ.