
--
ތުރުކީގެ ވެރިރަށް އަންކާރާއާއި ކައިރި އަވަށެއްގައި ހުންނަ އެގައުމުގެ އެރޯސްޕޭސް އިންޑަސްޓްރީޒްގެ ހެޑްކުއާޓަރަށް ދިން ހިތާމަވެރި ހަމަލާއާއި ގުޅިގެން އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނަށް ތައުޒިއާގެ މެސެޖެއް ފޮނުއްވައިފި އެވެ.

މިރޭ ރައީސް މުއިއްޒު , އުރުދުޣާނަށް ފޮނުވި މެސެޖުގައި ވިދާޅުވީ އެ ޙަމަލާގެ ޚަބަރު ލިބިވަޑައިގަތުމުން ހިތާމަ ކުރައްވާ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެކަން ކުށްވެރިކުރައްވާ ކަމަށެވެ.
އަދި މި ހަމަލާގައި މަރުވި މީހުންގެ ޢާއިލާތަކަށާއި، އެގައުމުގެ ލޮބުވެތި ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވާ ކަމަށެވެ.
މި މެސެޖު ނިންމަވާލައްވަމުން، ރައީސް ވަނީ ރާއްޖެއާއި ތުރުކީގެ ގުޅުމަކީ ވަރަށްވެސް ގާތް ގުޅުމެއް ކަން ފާހަގަކުރައްވައި ރާއްޖޭގެ ރައްޔިތުން އަބަދުވެސް ތިބޭނީ ތުރުކީގެ ރައްޔިތުންނާއި އެކުގައި ކަން ހާމަކުރައްވާފައި އެވެ.
ތުރުކީގެ ވެރިރަށް އަންކާރާ ކައިރީގައި ހުންނަ ތުރުކީގެ އެރޯސްޕޭސް އެންޑް ޑިފެންސް ކުންފުނި ތުރުކީ އެރޯސްޕޭސް އިންޑަސްޓްރީޒް (ޓޫސަސް) ގެ ހެޑްކުއާޓަރަށް ދިން ހަމަލާއެއްގައި ފަސް މީހުން މަރުވެ 22 މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތުރުކީގެ ދާޚިލީ ވަޒީރު އަލީ ޔަރްލިކާޔާ އެކްސްގައި ލިޔުއްވާފައިވާ ގޮތުގައި ދައުލަތުގެ ކުންފުނީގެ ހެޑްކުއާޓަރުގައި ދިން މި ހަމަލާގެ ފަހަތުގައި ތިބި ދެ ނިރުބަވެރިން ވަނީ މިހާރު މަރާލާފައި އެވެ. އަދި އެއީ އަންހެނަކާއި ފިރިހެނެއް ކަމަށް އޭނާ ވިދާޅުވި ނަމަވެސް އެމީހުންގެ ވަނަވަރު ހާމައެއް ނުކުރެއެވެ.
އަންކާރާގެ އުތުރުން ގާތްގަނޑަކަށް 40 ކިލޯމީޓަރު (25 މޭލު) ދުރުގައި އޮންނަ ކުޑަ އަވަށެއް ކަމަށްވާ ކަހްރާމަންކަޒާންގައި ހިނގި މި ހަމަލާއަށް ފަހު އެގައުމުގެ މީޑިއާތަކުން ބްރޯޑްކާސްޓްކުރި މަންޒަރުތަކުން ފެންނަ ގޮތުގައި އެތަނުގައި ވަރުގަދަ ގޮވުމެއް ގޮވައި އަލިފާން ރޯވެފައި ވެއެވެ. އަދި އޭގެ ފަހުން ބަޑީގެ ހަމަލާތަކެއް ވެސް ދީފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.
ގުޅުންހުރި

ފުރަތަމަ ފަހަރަށް ތުރުކީގެ ދިވެހި އެމްބަސީއެއް ހުޅުވައިފި

ތުރުކީއިން ރާއްޖެއަށް މިސައިލް މަނަވަރެއް ހަދިޔާކުރަނީ: މަނަވަރަށް ދިވެހި ސިފައިން ތަމްރީނުކުރުން ފެށިއްޖެ

ތުރުކީއާއި އެކު ފަތުރުވެރިކަމާއި ސަގާފަތުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި
