
-
ތުރުކީ ސަރުކާރުގެ ދިވެހި ރާއްޖެއަށް ހަދިޔާކުރި އަސްކަރީ މަނަވަރު ރާއްޖެ ގެނެސްފި އެވެ.

މިކަން ހާމަކޮށް އެމްއެންޑީއެފުން މިއަދު ވިދާޅުވީ ތުރުކިވިލާތުން ރާއްޖެއަށް ހަދިޔާކުރައްވާ ތުރުކީ ނޭވީ މަނަވަރު ރާއްޖެއަށް ގެނެސްފައިވާ ކަމަށާއި މި މަނަވަރު އެމްއެންޑީއެފާ ރަސްމީކޮށް ހަވާލުކުރުމާއި، ޚިދުމަތަށް ނެރެ، ޤައުމީ ދިފާޢީ ބާރަށް ކަމިޝަންކުރުމަށް ބާއްވާ ރަސްމިއްޔާތު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ދެ ޤައުމުގެ މެދުގައި ކުރަމުންދާ ކަމަށެވެ.
ނަމަވެސް މި މަނަވަރު ޚިދުމަތަށް ނެރެ، ޤައުމީ ދިފާޢީ ބާރަށް ކަމިޝަންކުރުމަށް ބާއްވާ ރަސްމިއްޔާތު އޮންނާނެ ސީދާ ތާރީހެއް އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ.
ތުރުކީއިން ރާްއްޖެއަށް ހަދިޔާކޮށްފައިވަނީ ޑޮގަން ކްލާހުގެ ފާސްޓް އެޓޭކް ކްރާފްޓެއް ކަމަށްވާ ޓީސީޖީ ވޮލްކަން (ޕީ-343) އެވެ. މިއީ މީގެ ކުރިން ތުރުކީ އަސްކަރިއްޔާއިން ބޭނުންކުރި މިސައިލް އުދުއްސާލުމުގެ ކުޅަދާނަކަން ލިބިފައިވާ މަނަވަރެކެވެ.
ތުރުކީގެ ދިފާއީ ވުޒާރާއިން ބުނީ މި ހަދިޔާއަކީ ތުރުކިޔޭ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ ފުޅާ އެއްބަސްވުމެއްގެ ދަށުން ހަދިޔާކުރި ހަދިޔާއެއް ކަމަށެވެ. އެގޮތުން މި އެއްބަސްވުމަކީ މެޓީރިއަލް ސަޕޯޓާއި ތަމްރީނުގެ ޒަރިއްޔާއިން ރާއްޖޭގެ ދިފާއީ ގާބިލްކަން އިތުރުކުރުމަށް އެކުލަވާލާފައިވާ އެއްބަސްވުމެކެވެ.
މި އުޅަނދު ރާއްޖެއަށް ޓްރާންސްފާކުރުމުގެ ތައްޔާރީތަކުގެ ތެރެއިން ޓީސީޖީ ވޮލްކަން އިން ވަނީ އިސްތަންބޫލް ނޭވަލް ޝިޕްޔާޑް ކޮމާންޑްގެ މެއިންޓެނެންސް އަދި މަރާމާތުތައް ވެސް ކޮށްފަ އެވެ. މި ބޯޓުގައި ޚިދުމަތް ކުރާނެ ދިވެހި ސިފައިން ތަމްރީނުކުރުމުގެ މަސައްކަތް އޭޕްރީލް މަހު ތުރުކީގައި ވަނީ ކުރިޔަށް ގެންގޮސްފައި އެވެ.