
ޖުވާކުޅުމަކީ މާތް ﷲ ޙަރާމްކުރައްވައިފައިވާ ބޮޑެތި މުންކަރާތްތަކަށް އަރައިގަތުމަށް ހިތްވަރުދޭ ކަމެއް - ހުތުބާ
# ހުތުބާ-
ޖުވާކުޅުމަކީ މާތް ﷲ ޙަރާމްކުރައްވައިފައިވާ ބޮޑެތި މުންކަރާތްތަކަށް އަރައިގަތުމަށް ހިތްވަރުދޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެ އެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ "ޖުވާ ކުޅުމަކީ ހަރާމް ކަމެއް" މި މައުޟޫއަށެވެ.
ހުތުބާގައި ވިދާޅުވީ, اللهُ سُبُحَانَهُ وَتَعَالَى އެކަލާނގެ މާތް ފޮތުގައި ޖުވާގެ ހުރިހާ ބާވަތްތަކެއް ހަރާމްކުރައްވާފައިވާ ކަމަށެވެ.
ޖުވާއަކީ ދެމީހަކު ނުވަތަ އެއަށް ވުރެ ގިނަ ބަޔަކު ފައިސާ ބަހައްޓައިގެން ކުޅޭ ކުޅިވަރެކެވެ. މި ކުޅިވަރުގައި ބެހެއްޓި ފައިސާ މޮޅުވާ ފަރާތަށް ދޭން ޝަރުޠުކުރެއެވެ. އެއީ މީސްތަކުންގެ މުދާ ޙަރާމް ގޮތުގައި ކެއުމެކެވެ. މިއީ މާތް ﷲ އާއި އެކަލާނގެ ރަސޫލާ ސައްލަالله އަލައިހި ވަސައްލަމަ ޙަރާމްކުރައްވައިފައިވާ ކަމެކެވެ.
މީސްތަކުންގެ މުދާތަކަށް ނުޙައްޤުން އަރައިގަތުމަށާއި ބާޠިލު ގޮތުގައި އެތަކެތި ކެއުމަށް ޓަކައި މިއަދު ތަފާތު ވައްތަރުތަކާއި އާ ގޮތްތައް ހޯދާފައިވާ ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
ޙައްޤަކާ ނުލައި މީހުންގެ ފައިސާ ކެއުމަށް ޓަކައި މާއްދިއްޔަތުގެ އަޅުން ވަނީ ތަފާތު ބާވަތްބާވަތުގެ އުކުޅުތައް ބޭނުންކުރާން ފަށައިފައެވެ. اللهُ سُبُحَانَهُ وَتَعَالَى ޖުވާ ޙަރާމްކުރެއްވީ އެއިން ފަރުދުންނަށާއި މުޖުތަމަޢަށް ލިބޭ ގެއްލުމާއި އެ ކަމުގައި ހިމެނޭ ފަސާދައިގެ ބޮޑު ކަމުންނެވެ. އޭގެ ތެރޭގައި ޖުވާކުޅޭ ދޭދޭ މީހުންގެ މެދުގައި ހިނގާ އަރައިރުންތަކާއި މާރާމާރީތައް ފާހަގަކުރެވެއެވެ.
"ޖުވާގެ އަވައިގައި ޖެހި ﷲ ހަނދުމަކުރުން މަތިން ހަނދާންނެތި ނަމާދު އަޅައި ޙައްޤުތަކާއި ވާޖިބުތައް ދޫކޮށްލައެވެ. ޖުވާ ކުޅުމުގެ ސަބަބުން އަތްމަތި ދަތިވެ މީހާ ބަނގުރޫޓުވެ ދަރަނިވެރިވެއެވެ. މީގެ އިތުރަށް ޖުވާކުޅުމަކީ ކަންނެތްކަމަށް ގޮވައިލާ ކަމެކެވެ. އެހެނީ ޖުވާކުޅޭ މީހުން އެ ކަން ކުރަނީ ފަސޭހައިން އަވަހަށް މުއްސަނދިވުމުގެ ބޭނުމުގައެވެ. ނަމަވެސް ހެޔޮ ގޮތަކީ ޙަލާލު މަސައްކަތުން ފައިސާ ހޯދައި ލިބޭ މިންވަރުން ފުއްދައިގެން އުޅުމެވެ." - ހުތުބާ
ޖުވާ ކުޅުމަކީ, އެ ކަމުގެ ސަބަބުން ދަރަނިވެރިވުމާއި، ރިޝްވަތުނެގުމާއި، ދޮގުހެދުމާއި، ވައްކަންކުރުމާއި، މަސްތުވާތަކެތީގެ އަޅަކަށްވުން ހިމެނޭ ކަމެއް ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ. ޖުވާ ކުޅުމަކީ އޭގެ ސަބަބުން ތިމާގެ ލޮބުވެތި ޢާއިލާ ޚަރާބުވެ ގެދޮރު ގެއްލި އަނބިދަރީން ނިކަމެތިވެ, އަދި ނަފްސާނީ މައްސަލަތައް ކުރިމަތިވެ، އަމިއްލަ ފުރާނަ ވެސް ދުއްވައިލާ ކަމެއް ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
"ޖުވާ ކުޅުމުގެ ބާވަތްތަކުގެ ތެރޭގައި ބާޖުމެރުން ނުވަތަ ބެޓުކުރުން ހިމެނެއެވެ. އެކިއެކި މުބާރާތްތަކާއި ރޭސްތައް ބާއްވާ އިރު މިވެނި ޓީމެއް ނުވަތަ މިވެނި ފަރާތެއް މޮޅުވާނެކަމަށް ބުނެ، އެ ޓީމެއް ނުވަތަ އެ ފަރާތެއް ދެރަވެއްޖެ ނަމަ އޭނާ ބާޖުމެރުމަށް ނުވަތަ ހަރާދުކިޔުމަށް ބެހެއްޓި ފައިސާކޮޅު ގެއްލޭނެތެވެ." - ހުތުބާ
ހުތުބާގައި ވިދާޅުވީ, މިއަދު ބައެއް ޤައުމުތަކުގައި ޖުވާ ވަރަށް ތަފާތު ސިފަސިފައިގައި ފެތުރިފައިވާ ކަމަށެވެ. ލޮޓަރީއާއި ޖެކްޕޮޓްފަދަ ޖުވާގެ ޒަމާނީ ބާވަތްތައް ތައާރަފްކޮށް, މި ކަމަށް ޓަކައި ޚާއްޞަ ނާދީތަކާއި މަރުކަޒުތައް ޤާއިމުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. މި ތަންތަނަށް މުއްސަނދީންނާއި ފަޤީރުން ވަދެ އެ ޙަރަކާތްތަކުގައި ބައިވެރިވާކަމަށާއި, މިފަދަ މުންކަރާތްތަކުގައި ބައިވެރިވުމަށް ދަތުރުހަދައިގެން ވެސް ބައިވެރިވާ ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
"ޖުވާގެ ނަން ބޭނުންނުކޮށް ރީތި ނަންނަމުގައި އިބިލީހުގެ މި އަނދަވަޅުތައް ކޮންނަމުންދަނީ މުސްލިމުންގެ ދީނީ ޝިޢާރުތަކާ ދުރުހެލިކޮށް ޝައިޠާނާގެ އެކުވެރީންނަށް ހެދުމަށް ޓަކައެވެ. މީހުންގެ ހިތްތައް ވަނީ މި ޚިޔާލީ ބޮޑު ނަފާގެ ދަޅައިގައި ޖައްސައި އާވާރާކުރުވައިފައެވެ." -ހުތުބާ
ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޖުވާކުޅުން އާއްމުވަމުން އަންނަ ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އޭގެތެރޭގައި ި ޖުވާކުޅޭ ވެބްސައިޓުތަކާއި، ގޭމުތަކާއި، އެޕުތައް ހިމެނެއެވެ.
މިވަބާގެ ޝިކާރައަކަށް ހަރުމީހުންނާއި ޒުވާނުންނާއި ކިޔަވާކުދިން ވެގެން ދާކަމީ ނުހަނު ހިތާމަ ހުރިކަމެއް ކަމަށް ހުތުބާގައި ވިދާޅުވެފައިވެއެވެ. މި ކަންކަމުން ދަރީން ސަލާމަތްކުރުމަށް ޓަކައި ބެލެނިވެރީން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހުތުބާގައި ވަނީ ގޮވާލައްވާފައެވެ.
ގުޅުންހުރި
.webp&w=3840&q=75)
އިސްލާމީ މުޖުތަމަޢެއް ބިނާކުރުމުގައި އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑު - ހުތުބާ

މަސައްކަތުގައި މަކަރުހަދައި، ފަރުވާކުޑަކޮށް، އިހުމާލުވެއްޖެނަމަ، މަސައްކަތުގެ ބަރަކާތް ކެނޑިދާނެ - ހުތުބާ

ކީރިތި ޤުރްއާނުގެ އަޚުލާޤުން ޒީނަތްތެރިވުމަކީ ގިނަގުނަ ދަރުމައާއި ޘަވާބު ލިބޭނެ ކަމެއް - ހުތުބާ
