ޕެންޓްހައުސް އަތުލި މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް
ހަސަން ޝާއިން
10/17/2024, 8:57:59 AM
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް
އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ކަމަށް ތުހުމަތުކުރާ ދެ ޕެންޓްހައުސް ކޯޓު އަމުރެއްގެދަށުން ފުލުހުން އަތުލުމުން އެކަމާ ދެކޮޅަށް ބައްސާމްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން އެ ކޯޓުން ނިންމައިފި އެވެ.
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގެ ދަށުން، ހުޅުމާލޭގައި ހުންނަ ބައްސާމްގެ ދެ ޕެންޓްހައުސް ފުލުހުންނާ ހަވާލުކުރަން އެންގުމުން މިމަހުގެ ކުރީކޮޅު ބައްސާމް ވަނީ އެ އެންގުމާ އެއްގޮތަށް އެ ދެ ޕެންޓްހައުސް ފުލުހުންނާ ހަވާލުކޮށްފަ އެވެ.
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރު އިސްތިއުނާފްކުރަން ބައްސާމްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އެކޯޓުން ބުނީ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމަވާ ކަމަށެވެ. ނަމަވެސް އެގޮތަށް ނިންމި ސަބަބެއް ހަމަކޮށްފައެއް ނުވެ އެވެ. އަދި ރަޖިސްޓްރާގެ އެ ނިންމެވުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު މައްސަލަ ހުށައެޅި ފަރާތައް އޮންނާނެ އެވެ.
އެފްއޭއެމްގެ ކޮރަޕްޝަނާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގަށްފަހު، މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށްގެނައި ދެ ޕެންޓްހައުސް ބައްސާމް ގަނެފައިވަނީ ކޮވިޑް-19 ގެ ދުވަސްވަރު ފީފާ އިން އެމްއޭއެމަށް ދޫކުރި ލޯނު ފައިސާ އިން ކަމަށް ފުލުހުން ވަނީ މީގެ ކުރިން ތުހުމަތު ކޮށްފައެވެ.
އެ މައްސަލާގައި ކުރިން ފުލުހުން ބުނެފައިވަނީ އެ ދެ ތަން ގަތުމަށް އެފްއޭއެމްގެ ފައިސާ އިން އެއް މިލިއަން އެމެރިކާ ޑޮލަރު އަމިން ކޮންސްޓްރަކްޝަނަށް ބައްސާމް ދައްކާފައިވާކަމަށާއި، އަދި އެ ފައިސާ ދެއްކީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއް ކަމަށް ދެއްކުމަށް ކަމަށެވެ.
ނަމަވެސް އެ ޑޮލަރަށް ވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އެ ފައިސާ ލިބުނުކަން ދެއްކުމަށް އެހެން ކުންފުންޏެއް މެދުވެރިކޮށް ލޯނު ނަގާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން ބައްސާމްގެ މައްޗަށް ދައުވާ ކޮށްދޭން އެދި މިދިޔަ ސެޕްޓެމްބަރު މަހު ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފައެވެ. އަދި މީގެ އިތުރުން މިމައްސަލާގައި އަމީން ކޮންސްޓްރަކްޝަނާއި އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލާއި އެ އެސޯސިއޭޝަނުގައި އޭރު މަސައްކަތްކުރި ހަސަން ވަހީދަށް ވެސް ދައުވާކޮށްދޭން އެދިފައިވެ އެވެ.
މީގެ އިތުރުން ވެސް އެފްއޭއެމްގެ ފައިސާތަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް ބައްސާމްގެ މައްޗަށް ދައުވާކުރާ އިތުރު މައްސަލަތަކެއް ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދަނީ ހިނގަމުންނެވެ.