އާލިއާ ބަޓްގެ "ޖިގްރާ" ބޮކްސް އޮފީހުގައި 20 ކްރޯޑް ރުޕީސް ފަހަނައަޅައި ދިއުމާ ގާތަށް
ސާރާ އަހުމަދު
10/16/2024, 1:18:54 PM
--
އާލިއާ ބަޓް އާއި ވެދަންގް ރައިނާ ލީޑް ރޯލުން ފެނިގެންދާ "ޖިގްރާ" ގެ ފުރަތަމަ ހަތަރު ދުވަހުގެ ތެރޭގައި ބޮކްސް އޮފީހުގައި ގާތްގަނޑަކަށް 18.25 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދައިފި އެވެ.
ފިލްމު ރިލީޒްކުރިތާ މިއަދަށް ފަސް ދުވަސް ވި އިރު މި ފިލްމަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިއެވެ. އެގޮތުން އިންޑިއާގެ އެކި ބަސްތަކުން މި ފިލްމު އިންޑިއާގެ ހުރިހާ ކަންކޮޅެއްގެ ސިނަމާތަކުގައި ދައްކަމުން އަންނަ އިރު ހިންދީ ބަސް ނޫން އެހެން ބަސްތަކުގެ ޝޯތަކަށް ގާތްގަނޑަކަށް 1.70 ކްރޯޑް ރުޕީސްގެ އާމްދަނީއެއް މިހާތަނަށް ވަނީ ލިބިފައިއެވެ.
ސެކްނިލްކްގެ އަންދާޒާތައް ދައްކާ ގޮތުން ފިލްމު ރިލީޒްކުރި ދުވަހު 4.55 ކްރޯޑް ރުޕީސް ލިބުނު އިރު، ޝޯ އެޅުވިތާ ފުރަތަމަ ހަފުތާ ބަންދުގައި ޖުމްލަ 12 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައިވެ އެވެ.
މި ފިލްމަކީ ވަސަން ބާލާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އަދި ކަރަން ޖޯހަރު، އަޕޫރްވާ މެހެތާ، އާލިއާ ބަޓް، ޝާހީން ބަޓް އަދި ސޯމެން މިޝްރާ ޕްރޮޑިއުސްކުރާ ފިލްމެކެވެ.
މި ފިލްމު ރިލީޒް ކުރި ދުވަހު ފިލްމު ފްލޮޕް ވެގެންދާނެ ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް ޝޯގެ ދެވަނަ ދުވަހުން ފެށިގެން ސިނަމާތަކުގައި " ޖިގްރާ " ގެ އަޑުތައް ވަނީ ގަދަވެފައި އެވެ. މިއީ ކަރަންގެ ބައިވެރިވުމެއް އޮތް އެންމެ ފަހުގެ ފިލްމެވެ. މި ފިލްމު މާކެޓު ކުރުމަށް އާލިއާ އާއި ވެދަންގް އާއި އެކު ކަރަންވެސް ވަނީ އިންޑިއާގެ ބައެއް ޓީވީ ޝޯތަކަށް ގޮސްފައި އެވެ.