މާލެއާއި ތިލަފުށީގެ ކަރަންޓު ވިއުގަ ގުޅާލުމުގެ ބިޔަ މަޝްރޫއުގެ ސާވޭ ހަދަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި
އަލްފާ އަލީ
10/16/2024, 8:33:15 AM
-
މާލެއިން ފެށިގެން ތިލަފުއްޓާއި ހަމައަށް ކަރަންޓު އެއް ވިއުގައަކުން ގުޅާލުމުގެ ދިރާސާތައް ހެދުމަށް ޗައިނާގެ ޓީބީއީއޭ ކުންފުންޏާ ހަވާލުކޮށްފި އެވެ.
މި މަސައްކަތުގެ ފަހުމްނާމާގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީއެވެ. އަދި ޓީބީއީއޭގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ނައިބު ރައީސް ޒަންގް ހޮންގް ޒޮންގްއެވެ.
މި އެއްބަސްވުމުގެ ދަށުން 150 މެގަވޮޓުގެ އިންޖީނުގެ އެޅުމަށް ހަދަންޖެހޭ ދިރާސާ ހެދުމާއި, ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިނެއް އެޅުން ހިމެނެ އެވެ.
ފަހުމީ ވިދާޅުވިގޮތުގައި މި އެއްބަސްވުމަކީ ރާއްޖޭގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެކެވެ. އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު ސްޓެލްކޯއަށް ދެއްވާ އެއްބާރުލެއްވުމާއި އެމަނިކުފާނުގެ ދުރުވިސްނޭ ފިޔަވަޅުތަކަށް ފަހުމީ ވަނީ ޝުކުރުއަދާކުރައްވާފައެވެ.
މި މަޝްރޫއުގެ ދަށުން 150މވ ގެ އިންޖީނުގެ އަޅަން ނިންމާފައިވަނީ ކ. ތިލަފުށީގައެވެ. މި އިންޖީނުގެތަކުގައި ބޭނުންކުރާނީ ތެލާއި ގޭސް ބޭނުންކޮށްގެން ކަރަންޓު އުފައްދާ ޖެނެރޭޓަރުތަކެއްކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިން އެޅުމަށް ހަމަޖެހިފައިވަނީ ތިލަމާލޭ ބުރިޖާއެކު އެވެ. މި ލައިނާއެކު ކަރަންޓު ފޯރުކޮށްދޭ ނިޒާމުގެ ތެރެއިން މާލެއާއި ހުޅުމާލެއާއި ވިލިމާލެއާއި ތިލަފުށީ އަދި ގުޅީފަޅު ގުޅާލެވޭނެކަމަށް ސްޓެލްކޯ އިން ބުނެއެވެ.