އިންޑިއާގެ ސަފީރު ކަމަށް އަޒީމާ އައްޔަނުކުރަނީ
އަހުމަދު ޝުރާއު
10/14/2024, 4:08:37 AM
--
ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް އައިޝަތު އަޒީމާ އައްޔަނުކުރުމަށް މަޖިލީހަށް ހުށަހަޅައިފި އެވެެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަޒީމާ އެ މަގާމަށް އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ސިޓީފުޅު މަޖިލީހަށް އިއްވެވީ އަމީންއާމެވެ. ރައީސްގެ ސިޓީފުޅުގައި ވަނީ އެމަގާމުގައި މިހާރު ހުންނެވި އިބްރާހިމް ޝިހާބްގެ ބަދަލުގައި އަޒީމާ އެމަގާމަށް އައްޔަނުކުރުމަށް މަޖިލީހުން އެކަމާ މެދު ގޮތެއް ނިންމުމަށެވެ.
މިއާއި އެކު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތު ބެލެހެއްޓި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް ވަނީ ވަނީ އެ އެމައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވަން ނިންމަވާފައެވެ.
އިންޑިއާ ސަފީރު ކަމުގައި މިހާރު ހުންނެވީ ޝިހާބުގެ ބަދަލުގައި އަޒީމާ އައްޔަނުކުރަން ހުށަހަޅާފައިވަނީ ފޮރިން ސާވިސް ގާނޫނު ބުނާގޮތުން، ސަފީރުކަމުގެ މަގާމުގައި ބޭފުޅަކަށް ހުންނެވޭނީ ތިން އަހަރުގެ މުއްދަތަކަށް ވުމާއި އެކު ސަފީރު ކަމުގައި ޝަހީބުގެ ތިން އަހަރުގެ މުއްދަތު މިހާރު ހަމަވެފައިވުމާއި ގުޅިގެންނެވެ.
ޝިހާބް އިންޑިއާ ސަފީރު ކަމަށް އައްޔަނުކުރީ 2022 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެވެ. އިންޑިއާގައި ހުންނަވާ ސަފީރުކަމަށް ޝަހީބު އައްޔަން ކުރެއްވިއިރު، އޭނާ ވަނީ ސިންގަޕޫރުގައި ހުންނަވާ ސަފީރުކަމުގައި އެއް އަހަރު ފުރިހަމަ ކުރައްވައިފަ އެވެ.
އިންޑިއާގެ އައު ސަފީރަކަށް އައްޔަނުކުރަން ނިންމާފައިވާ އަޒީމާ ވަނީ 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމު ފުރުއްވާފައި އެވެ. އަދި މިވަގުތު އަޒީމާ ހުންނެވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައި އެވެ.