މާފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ފުރިހަމަކޮށްފި
އަހުމަދު ޝުރާއު
10/12/2024, 8:31:53 AM
--
ކ މާފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ހާމަކޮށްފި އެވެ.
އެމަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ މާފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިހާރު ވަނީ 50 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށާއި އަދި، އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް މިހާރު ވަނީ ނިމިފި ކަމަށެވެލ
އަދި، ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 76 އިންސައްތަވެސް މިހާރު ވަނީ ފުރިހަމަކުރެވިފައިކަން އެކުންފުނިން ހާމަކުރެއެވެ.
މާފުށީ ބަނދަރަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކޮށް ޒަމާނީ ބަނދަރެއް ތަރަޢްޤީކުރުމުގެ މަސައްކަތް ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ 23 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން، 63،711 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 28،836 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 4،414 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން ހިމެނެއެވެ. އަދި 31 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 680 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 700 މީޓަރުގެ ސަރަޙއްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 374 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުން ހިމެނެއެވެ.
ހަމައެހެންމެ 160 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 19 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 1،869 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. މިއީ ސަރުކާރުން 76.48 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.