
ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ މައިދާނުގައި އިޒްރޭލާ އިޒްރޭލާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލާނެ ކަމަށް ނިކަރާގުއާގެ ސަރުކާރުން ބުނެފި އެވެ.

ނިކަރާގުއާގެ ނައިބު ރައީސް ރޮސާރިއޯ މުރިލޯ މިކަން ދައުލަތުގެ މީޑީއާ މެދުވެރިކޮށް އިއުލާނު ކުރެއްވީ މިމަހުގެ ހަތް ވަނަ ދުވަހު ޣައްޒާ ހަނގުރާމައަށް އެއް އަހަރު ފުރުމާ ގުޅިގެން ފިޔަވަޅު އެޅުމަށް ގޮވާލައި އެ ގައުމުގެ ކޮންގްރެސްއިން ގަރާރެއް ފާސްކުރުމާ ގުޅިގެންނެވެ.
އެގައުމުގެ ރައީސް ޑެނިއަލް އޮރްޓެގާގެ އަނބިކަނބަލުން އަދި ގައުމުގެ ނައިބު ރައީސް މުރިލޯ ވިދާޅުވީ އެކަމަނާގެ ފިރިކަލުން ސަރުކާރަށް އިރުޝާދު ދެއްވީ "އިސްރާއީލުގެ ފާސިސްޓް އަދި ޖަރީމާވެރި ސަރުކާރާ އެކު ސިޔާސީ ގުޅުން ކަނޑާލަން" ކަމަށެވެ.
ޣައްޒާ ހަނގުރާމައަށް އަހަރެއް ވެގެން ގޮސްފައިވާއިރު މި ހަނގުރާމާގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 42،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، ލުބުނާނުގައި ދެމުން އަންނަ ހަމަލާތަކުގައި އެތައް ހާސް ބަޔަކު ޒަހަމްވެ، ފާއިތުވި ހަފުތާތަކުގެ ތެރޭގައި އެތައް ބަޔަކު ވަނީ ޝަހީދުވެފައި އެވެ.
އިޒްރޭލުން މެދުއިރުމަތީގައި މުސްލިމުންނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުށްވެރިކޮށް ނިކަރާގުއާގެ ސަރުކާރުން ވަނީ އިޒްރޭލުގެ ނިރުބަވެރި އަމަލުތައް ހުއްޓާލަން ގޮވާލާފައި އެވެ.