ދުނިޔޭގެ އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިއާ ރަތަން ޓާޓާ އަވަހާރަވެއްޖެ
އަހުމަދު ޝުރާއު
10/9/2024, 7:46:57 PM
--
ޓާޓާ ގްރޫޕްގެ ކުރީގެ ޗެއާމަން އަދި އިންޑިއާގެ އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ ރަތަން ޓާޓާ އަވަހާރަވެއްޖެ އެވެ.
ރަތަން ޓާޓާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތީ ގިނަ ދުވަސްތަކަކަށް ފަހު މިރޭގެ ވަގުތެއްގައި މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ރަތަން ޓާޓާ އަވަހާރަވިއިރު އުމުރުފުޅަކީ 86 އަހަރެވެ.
ރަތަން ޓާޓާ އަވަހާރަވިކަން ޓާޓް ގްރޫޮޕުންވެސް މިރޭ ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.
ޓާޓާ އަވަހާރަވުމާއި ގުޅިގެން ދުނިޔޭގެ އެކި ލީޑަރުންނާއި އިންޑިއާގެ ލީޑަރުންވެސް ދަނީ ހަމްދަރުދީގެ މެސެޖުތައް މީސްމީޑީއާގައި އާންމުކުރަމުންނެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ޓާޓާ އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ވިދާޅުވެ، އޭނާއަކީ ދުރުވިސްނުންތެރި ވިޔަފާރީގެ ލީޑަރެއް، އޯގާތެރި ފުރާނައެއް އަދި އާދަޔާ ހިލާފު އިންސާނެއް ކަމަށް ވިދާޅުވެފައެވެ.
އެމެރިކާގެ ކޯނެލް ޔުނިވާސިޓީން އާކިޓެކްޗާގެ ދާއިރާއިން ދަސްވެނިވުމަށްފަހު ޓާޓާ 1962 ވަނަ އަހަރު އެނބުރި އިންޑިއާއަށް ގޮސް އާއިލީ ވިޔަފާރީގެ ތެރެއަށް ވަދެ، ޓާޓާ ސްޓީލް އާއި މޮޓޯ ކޮންސާންސްގައި މަސައްކަތް ކުރި އެވެ.
ޓާޓާ ގްރޫޕްގެ ހިންގުން ޓާޓާ އާ ހަވާލުވީ އޭނާގެ ކާފައަށްފަހު 1991 ވަނަ އަހަރު އެވެ. 20 އަހަރަށްވުރެ ދިގު މުއްދަތެއްގެ ލީޑަރޝިޕްގައި ޓާޓާވަނީ އެ ކުންފުނި ފުޅާކޮށް، ޑައިވަރސިފައިކޮށް، ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުންނި އަދި ދުނިޔޭގެ ބޮޑު ވިޔަފާރިއަކަށް ޓާޓާ ކުންފުނި ހަދާފައި އެވެ.
ޓާޓާގެ ވިޔަފާރިތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އިރު ރާއްޖޭގައިވެސް ޓާޓާގެ ހިއްސާއޮންނަ ރިސޯޓުތައް ހުރެއެވެ. އޭގެ ތެރޭގައި ތާޖް ހޮޓެލްސްގެ ރިސޯޓުތައް ހިމެނެއެވެ.