-
ލ.ފޮނަދޫގައި ހިންގަމުންދާ ފެނަކަ އިންޖީނުގޭގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތުގެ %92 ނިންމާލެވިފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މިއީ، ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި ދެމެހެއްޓެނިވި ގޮތަކަށް ޚިދުމަތް ދިނުމަށްޓަކާ ބޭނުންވާނެ ޖާގަ އިތުރުކުރުމަށް، ފެނަކައިން ކުރިއަށް ގެންދާ މަޝްރޫޢެއް ކަމަށް އެކުންފުނިން ބުނެއެވެ. މި މަސައްކަތް ފުރިހަމަވުމުން، 1.2 މެގަވޯޓުގެ 2 ޖެންސެޓް ބެހެއްޓޭނެ ޖާގަ އިތުރުވެގެންދާނެކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.
މިއަހަރުގެ އޭޕްރީލް މަހު ފަށައިގެން، ފެނަކައިން އިން-ހައުސްކޮށް ކުރިއަށް ގެންދާ މި މަޝްރޫޢުގެ ބޮޑެތި މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. އެގޮތުން އިންޖީނުގެއަށް އިތުރު ކުރެވޭ ބައިގެ ފުރާޅާއި ތަޅުމުގެ މަސައްކަތް ނިމި، ކަވަރިންވެސް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. ބާކީ ހުރި ބައެއް ކަންކަން ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ލ އަތޮޅުގެ ވެރިކަން ކުރާ ފޮނަދުއަކީ، ޢުމްރާނީ މަސައްކަތްތަކާއި ވިޔަފާރީގެ ޙަރަކާތްތައް ފުޅާވަމުން އަންނަ ރަށަކަން ވާއިރު، ކަރަންޓުގެ ކެޕޭސިޓި އިތުރުވުމަކީ، އެރަށަށް ކޮންމެހެން ބޭނުންތެރިކަމެކެވެ. އިތުރު ކުރެވުނު ޖާގައިން، މިހާރު ދެމުން އަންނަ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ވެގެންދާނެއެވެ.