
-
މޯލްޑިވިސް ކުއަލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އަށް މިހާތަނަށް 1333 ސަނަދެއް "ވެލިޑޭޓް" ކޮށްފިއެވެ.

މިއަހަރުގެ މިހާތަނަށް އެމްކިއުއޭއަށް ޖުމްލަ 1621 ސަނަދެއް 'ވެލިޑޭޓް' ކުރުމަށް ހުޅަހަޅަފާއިވާކަމަށް އެމްކިއުއޭއިން ބުނެއެވެ.
ކޮލިފިކޭޝަން ރިކޮގްނިޝަންގެ ޚިދުމަތަކީ ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮއްދޭ މަރުކަޒުތަކުންނާއި ބޭރު ޤައުމުތަކުގައި މަތީ ތަޢުލީމު ފޯރުކޮއްދޭ މަރުކަޒުތަކުން ދަރިވަރުން ހާޞިލްކޮއްފައިވާ ސަނަދުތަކަކީ އެމްކިޔުއޭ އިން ކަނޑައަޅާފައިވާ އެމްއެންއެފްކިޔު ލެވެލްއަށް ފެތޭ ސަނަދެއްކަން ކަށަވަރުކުރުމުގެ ގޮތުން ދެވޭ ޚިދުމަތެކެވެ. އެގޮތުން، ދަރިވަރުން 'ވެލިޑޭޓް' ކުރުމަށް ނުވަތަ ޕްރޮގްރާމެއްގެ ފެންވަރު ކަނޑައެޅުމުގެ ޚިދުމަތަށް އެދި އެމްކިޔުއޭއަށް ސަނަދެއް ހުށަހެޅުމުން އެ އިދާރާ އިން އެ ސަނަދެއްގެ ލެވެލް ބަލައި ޗެކްކުރުމަށްފަހު، އެ ސަނަދެއްގެ ލެވެލް އިނގޭ، އެމްކިޔުއޭގެ ތައްގަނޑު ހިމެނޭ ލިޔުމެއް ދަރިވަރާއި ހަވާލުކޮއްދެވައެވެ.
ދިވެހިރާއްޖޭގެ ތަޢުލީމީ ޤާނޫނުގައި ބަޔާންވެފައިވާ ފަދައިން ރާއްޖޭގެ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް، ރާއްޖޭގެ ޔުނިވާސިޓީތަކުގައި ބޭރުގެ ދަރިވަރުން ތަޢުލީމު ހާޞިލުކުރުމަށް ރާއްޖެ އަންނާނެ ފަދަ ހަރުދަނާ ތަޢުލީމީ ނިޒާމެއް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މި އަމާޒަށް ވާސިލް ވުމަށް މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ފެންވަރު ކަށަވަރުކޮށް، ރާއްޖޭގެ ޔުނިވާސިޓީ އަދި ކޮލެޖް އިންސްޓިޓިއުޓް ތަކުން ނިކުންނަ ދަރިވަރުންގެ ތައުލިމީ ފެންވަރު ހަރުދަނާކުރުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން އެމްކިޔުއޭ އިން އަންނަނީ ގިނަ މަސައްކަތެއް ކުރަމުންނެވެ.






