
-
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން އުފައްދާ އާރުއޯ ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށް އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން އުފައްދާ އާރުއޯ ޕްލާންޓުގެ ބޯރހޯލް ޕަންޕަލަށް ދިމާވި މައްސަލައަކާ ގުޅިގެން މިއަދު ހެނދުނުގެ ވަގުތެއްގައި ޕްލާންޓް ވަނީ ހުއްޓިފައެވެ. އަދި އެއްކޮށް ފެން ހުސްވެ ހިދުމަތް މެދުކެނޑިދާނެތީ އެކުންފުނިން ވަނީ އެކަން އާއްމުންގެ ސަމާލުކަމަށް ވަގުތުން ގެނެސްފައެވެ.
މި މައްސަލަ ދިމާވުމާއެކު ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފުން ވަނީ މި މައްސަލަ ހައްލުކުރުމުގެ އަމަލީ މަސައްކަތް ފަށާފައެވެ. އަދި އެކުންފުނީގެ މުވައްޒަފުން ވަނީ އާރުއޯ ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށް މިހާރު އޮޕަރޭޝަނަށް ގެނެސްފައެވެ.
މި މައްސަލަ ހައްލުކުރުމަށް, އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާ އަދި އައްޑޫ އެމްޑަބްލިއުއެސްސީގެ ފަރާތުން އަވަސް އެހީތެރިން ލިބިފައިވާ ކަމަށް ފެނަކަ އިން ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ ހާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން ދެއްވާ އެއްބާލުން ފާހަގަކޮށް ފެނަކަ ކޯޕަރޭޝަނުން ވަނީ އެކުންފުނީގެ ކަސްޓަމަރުންނަށް ޝުކުރުއަދާކޮށްފައެވެ.