51 މުވައްޒަފުންނާއި އެކު ސްޓެލްކޯގެ ލީޑާޝިޕް އެންހޭންސްމެންޓް ޓްރެއިނިނިންގެ 7 ވަނަ ބެޗު ފަށައިފި
އަހުމަދު ޝުރާއު
9/27/2024, 5:30:25 PM
--
ސްޓެލްކޯއިން ކުރިޔަށް ގެންދާ ލީޑާޝިޕް އެންހޭންސްމެންޓް ޓްރެއިނިނިން ފަށައިފި އެވެ.
ގިރިފުށީގައި ފެށި މި ލީޑާޝިޕް އެންހޭންސްމެންޓް ޓްރެއިނިނިން ގައި ސްޓެލްކޯގެ 51 ބައިވެރިަކު ބައިވެރިވެއެވެ. މި ޕްރޮގްރާމަކީ ސްޓެލްކޯއިން ސިފައިންނާއި ގުޅިގެން ކުރިޔަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ. މިއަދުގެ ފެށިގެން ގޮސްފައިވަނީ މި ޕްރޮގްރާމުގެ 7 ވަނަ ބެޗެވެ.
މިޕްރޮގްރާމާއި ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ކުންފުނީގެ ލީޑާޝިޕް އެންހޭންސްމެންޓް ޓްރެއިނިނިން ޕްރޮގްރާމަކީ މުވައްޒަފުން ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި އެކުންފުނީގެ 51 މުވައްޒަފަކު އެ ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވުމަކީ ލިބުނު އުފަލެއް ކަމަށެވެ.
ފަހުމީ ވިދާޅުވީ އެ ޕްރޮގްރާމުގެ ސަބަބުން މުވައްޒަފުންގެ އިތުރުން ކުންފުންޏަށް ވެސް ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. ފަހުމީ ވަނީ އެ ޕްރޮގްރާމް ބޭއްވުމަށް އެމްއެންޑީއެފްގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ސިފައިންގެ އިސްވެރިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫންގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ. ސްޓެލްކޯގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ކުންފުނީގެ ހުރިހާ ލެވެލެއްގެ މުވައްޒަފުންގެ ކިބައިގައި ލީޑާޝިޕް ހުނަރު ހުރުމަކީ މުހިންމު ކަމެއް ކަމަށް ފަހުމީ ވިދާޅުވި އެވެ.
ސްޓެލްކޯގެ ލީޑާޝިޕް ކެޕޭސިޓީ މަތިކުރުމަށް ގެންދާ މި ޕްރޮގްރާމް މިހާތަނަށް ޖުމުލަ 368 މުވައްޒަފަކު ވަނީ ފުރިހަމަކޮށްފައެވެ.