
-
އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް)ގެ މިޝަންއެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް)ގެ ދައުލަތުގެ ކުންފުނިތަކުގެ ގަވަރނަންސްއާ ގުޅޭ މިޝަނެއް ކަމަށާއި އެމިޝަން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ހަފްތާގެ ތެރޭގައި ކަމަށެވެ.
އެގޮތުން މި ދަތުރުގައި އެސް.އޯ.އީތަކާ ގުޅޭ އާ ޤާނޫނެއް ފަރުމާކުރުމަށްޓަކައި، ކުންފުނިތަކުގެ ގަވަރނަންސް އާއި ޒިންމާދާރުކުރުމުގެ ނިޒާމާއި އެހެނިހެން ކަންތައްތައް ހަމަޖެހިފައިވާ ގޮތް މިޝަންގެ ބައިވެރިން ބައްލަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
އައިއެމްއެފްގެ މިޝަނެއް ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގެ އިގުތިސާދީ ހާލަތާއި ސިޔާސަތުތައ ބެލުމަށް ދާދި ފަހުންވެސް އައިއެމްއެފްގެ ވަފުދެއް ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.
އަދި ރާއްޖެ އޮތް އިގުތިސާދީ ހާލަތުން އަރައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި އިގުތިސާދީ ބަދަލުތަކަށް އެ ފަންޑުން ވަނީ މަރުހަބާ ކިޔާފައިވެ އެވެ.





