--
ލާމު އަތޮޅުގައި ކުނި މެނޭޖްކުރުމުގެ ހިދުމަތް ފެށުމަށް ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން , ވެމްކޯއިން ތައްޔާރުވެއްޖެ އެވެ.
ވެމްކޯގެ އިސް އޮފިޝަލަކު ވިދާޅުވީ ވެމްކޯގެ ހިދުމަތް ލ. ގަމާއި ފޮނަދޫގައި ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ބާރު ސްޕީޑުގައި ކުރަމުންދާ ކަމަށާއި ކުންފުނީގެ އަމާޒަކީ އަންނަ މަހުގެ ކުރީ ކޮޅު ހިދުމަތް އެރަށުގައި ފެށުން ކަމަށެވެ. އެގޮތުން ހިދުމަތް ބޭނުންވާ މުވައްޒަފުން ތައްޔާރުކޮށް ކުނި މެނޭޖްކުރުމުގެ ހިދުމަތަށް ބޭނުންވާ ވެހިކަލްތައް ހަމަކުރުމުގެ މަސައްކަތް ކުރިޔަށްދާކަން އޮފިޝަލް ފާހަގަކުރެއްވި އެވެ.
ވެމްކޯގެ ހިދުމަތާއި އެކު އެދެ ރަށުގެ ޖުމުލަ 1700 އެއްހާ ގޭބިސީން ކުނު ނެގުމުގެ ހިދުމަތް ދޭނެކަން އޮފިޝަލް ފާހަގަކުރެއްވި އެވެ.
ހިދުމަތް ފެށުމަށް އިދާރީ މަސައްކަތް ކުރުމަށް ބޭނުންވާ އޮފީސް ދެ ރަށުގެ ގާއިމުކޮށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް އެކުންފުނިން ދަނީ މިހާރު ކުރަމުންނެވެ. މި މަސައްކަތަށް ކުންފުނީގެ ޚާއްސަ ޓީމެއް މިހާރުވެސް އަންނަނީ ލާމު އަތޮޅުގައި ހަރަކާތްތެރިވަމުންކަން އޮފިޝަލް ފާހަގަކުރެއްވި އެވެ.
އޮފިޝަލް އިތުރަށް ބުނީ ހިދުމަތްތައް ފެށުމުގެ ކުރިން ހިދުމަތްތައް ރައްޔިތުން އަހުލުވެރިކުރުމަށް އާއިލީ ހަވީރުތަކެއް ބާއްވަން ނިންމާފައިވާ ކަމަށާއި އެއާއިލީ ހާވީރުތައް ކުރިޔަށްދާނީ ދެރަށުގައި ވަކިވަކިން ކަމަށެވެ. އެގޮތުން ފޮނަދޫގައި އެހަވީރު ހުކުރު ދުވަހު ބާއްވާއިރު ގަމުގައި އާއިލީ ހަވީރު އޮންނާނީ އާދީއްތަ ދުވަހުގެ ހަވިރު އެވެ.
މިއީ ވެމްކޯގެ އޮޕަރޭޝަން މިއަހަރުގެ ތެރޭގައި ފަށާ 4 ވަނަ އަތޮޅެވެ. އެގޮތުން ވެމްކޯއިން މިއަހަރުގެ ތެރޭގައި ވަނީ ކ އަތޮޅު މާފުށީގައި އާއި ރާއްޖޭގެ އެންމެ އުތުރުން ކުޅުދުެއްދުށީ ސިޓީ އާއި ހުވަދު އަތޮޅުން ތިނަދޫ ސިޓީގައި އެކުންފުނީގެ ހިދުމަތްތައް ފަށާފައި އެވެ.