ފާއިތުވި 10 މަހުގެ ތެރޭގައި ގަވާއިދާ ހިލާފުވެގެން 4054 ބިދޭސީން ޑީޕޯޓުކޮށްލައިފި
އަހުމަދު ޝުރާއު
9/24/2024, 8:31:19 AM
--
މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 17ވަނަ ދުވަހުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަށް 4054 ބިދޭސީން ފުރުވާލެވިފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ހާމަކޮށްފިއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެންވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. މީގެ ދަށުން މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން އަންނަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ.
ހޯމްލޭންޑް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި ހިނގާ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހާއި ނިޔަލަށް މި މަހު އެކަނިވެސް 663 މީހުން ވަނީ ޑީޕޯޓުކޮށްލާފައި އެވެ. އަދިި މިހާތަނަށް އެންމެ ގިނަ ބިދޭސީން ޑީޕޯޓުކޮށްލާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެވެ. އެގޮތުން ޖުލައި މަހު އެކަނިވެސް 690 ބިދޭސީއަކު ވަނީ ޑީޕޯޓުކޮށްލާފައި އެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ގެނައުމަށްޓަކައި ރާއްޖޭގައި މިވަގުތު ތިބި ބިދޭސީން ގަވާއިދަށް ފެއްތުމަށްދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިވެހިންނަށް ކުރެވެން ހުރި ވިޔަފާރިތަކުގައި ހަރަކާތްތެރިވަމުންދާ ބިދޭސީންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ފިޔަވަޅު އަޅަމުންދާނެ ކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވުމަކީވެސް ޤާނޫނީ ކުށެއް ކަމަށާއި، އެފަދަ މަސައްކަތްކުރުވާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދުވަނީ މީގެކުރިން ދެއްވާފައެވެ.