
ރާއްޖެއާއި އޮސްޓްރޭލިއާއާއި ދެމެދު ދިފާްއީ ދާއިރާއިން މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފި
# ރާއްޖެ - އޮސްޓްރޭލިއާ--
އޮސްޓްރޭލިއާ ސަރުކާރާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އާ ދެމެދު ބާއްވާ ފުރަތަމަ "ޑިފެންސް ޕޮލިސީ ޓޯކްސް" ސިފައިންގެ މައި މަރުކަޒު, ބަންޑާރަކޮށީގައި ކުރިއަށްގެންގޮސްފިއެވެ.

މި މަޝްވަރާތަކަކީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި، ޕްރޮފެޝަނަލް އަސްކަރީ ތަޢުލީމް ފޯރުކޮށްދިނުމާއި، މަޢުލޫމާތު ބަދަލުކުރުމާއި، ދިފާއީ ދާއިރާއާ ގުޅުންހުރި ހުނަރުތަކުގެ ތެރެއިން ކެޕޭސިޓީ ބިލްޑިންގ ފަދަ މުހިންމު ދާއިރާތަކުން ދެ ޤައުމުގެ އެއްބާރުލުން އިތުރުކުރުމުގެ މަޤުޞަދުގައި ފެށި މަޝްވަރާތަކެކެވެ.
ސިލްސިލާކޮށް ކުރިއަށްގެންދަން ނިންމާފައިވާ މި މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުމުގައި ދިވެހި އަސްކަރިއްޔާގެ ފަރާތުން ބައިވެރިވެލެއްވި ވަފުދުގެ އިސްވެރިޔަކަށް ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއެވެ. މިއަދުގެ ބައްދަލުވުމުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ވަނީ ދެ ޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެމްއެންޑީއެފްގެ ޤާބިލުކަން ކުރިއެރުވުމަށް އޮސްޓްރޭލިއާއިން ވެދެއްވާ އެއްބާރުލުމަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ޚާއްޞަކޮށް ޤައުމީ ކުއްލި ހާލަތްތަކާއި ޤުދުރަތީ ކާރިސާތަކުގައި ދިވެހިރާއްޖެއަށް އެހީތެރިވުމުގައި އޮސްޓްރޭލިއާ ސަރުކާރުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.
މި މަޝްވަރާތަކުގައި ބައިވެރިވެލެއްވި އޮސްޓްރޭލިއާގެ ވަފުދުގެ އިސްވެރިއަކަށް ހުންނެވީ އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ޑިފެންސްގެ ނޯތު އެންޑް ސައުތު އޭޝިއާ ބްރާންޗްގެ އެސިސްޓެންޓް ސެކްރެޓަރީ، މިސް ކެރެން ރެޑްފޯޑްއެވެ. އެކަމަނާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ދިފާޢީ ދާއިރާގެ ތެރޭގައި ކެޕޭސިޓީ ބިލްޑިންގއާއި ސްކިލް ޑިވެލޮޕްމަންޓަށް އަމާޒުކޮށްގެން ހިނގަމުންދާ ޕްރޮގްރާމްތައް ފުޅާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މިއަދު ފެށުނު ޑިފެންސް ޕޮލިސީ ޓޯކްސްއަކީ ޚާއްޞަކޮށް ސަރަހައްދީ ކަނޑުގެ ސަލާމަތާއި، ތަމްރީނު ޕްރޮގްރާމްތައް އިތުރުކުރުމާއި، ދިފާޢީ މަޢުލޫމާތު ހިއްސާކުރުން ފަދަ ދާއިރާތަކުން ކުރިއަށް އޮތްތަނުގައި އެއްބާރުލުން ދިނުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ހުޅުވާލެވުނު މަންސައަކަށް ވެގެންދާނެއެވެ.
ގުޅުންހުރި

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ޕެޓްރޯލިން އުޅަނދެއް ހަދިޔާ ކުރަނީ

ރާއްޖޭގައި އޮސްޓްރޭލިއާ ދުވަސް ފާހަގަކޮށްފި

ޤައުމީ ތަރައްޤީ ޕްލޭނަށް ފަންނީ އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އޮސްޓްރޭލިއާ ސަރުކާރާއެކު ސޮއިކޮށްފި
