މާލޭގެ ތަންތަނުން ޕާކިންގ ސްލޮޓް ދޫކުރުން ހުއްޓާލަން ސިޓީ ކަައުންސިލަށް އަންގައިފި
އަހުމަދު ޝުރާއު
9/23/2024, 2:28:45 PM
--
މާލޭ ސިޓީ ކައުންސިލުން، މާލޭގެ އެއްވެސް ސަރަހައްދަކުން ޕާކިންގ ސްލޮޓް ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ދިނުން ހުއްޓާލުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެ ކައުންސިލަށް އަންގައިފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މާލޭގެ މަގުތަކުގައި ޢާންމު ބޭނުމަށް އޮންނަ ޖާގަ ކުޑަވެ، މަގުތައް ބޭނުންކުރުމުގައި ދަތިވެފައިވާތީއާއި، އެކި ފަރާތްތަކުން ޒަރޫރީ ބޭނުންތަކަށް އުޅަނދުތަކުގައި މާލޭގެ ތަންތަނަށް ގޮސް، ވަގުތީ ގޮތުން ޕާކުކުރާނެ ޖާގައެއް ނުލިބުމުގެ ދަތިކަން ހައްލުކުރުމަށް މަގުފަހި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި ހުރިހާ ރައްޔިތުންނަށް ހަމަހަ ގޮތުގައި މަގުތަކުގައިވާ ޢާންމު ޖާގަތަށް ބޭނުން ހިފޭގޮތަށް ކަންކަން ފަހިކުރުމަށް މިހާރު ފަށާފައިވާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އަޅާ ފިޔަވަޅެއްގެ ގޮތުން، މިއަދު (23 ސެޕްޓޭމްބަރު 2024)އިން ފެށިގެން، މާލޭ ސިޓީ ކައުންސިލުން، މާލޭގެ އެއްވެސް ސަރަހައްދަކުން ޕާކިންގ ސްލޮޓް ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ދިނުން ހުއްޓާލުމަށް އެ ކައުންސިލަށް އަންގާފައިވާކަމަށެވެ.
އަދި މާލޭ ސިޓީ ކައުންސިލުން މި ތާޜީޚާ ހަމަޔަށް ކުއްޔަށް ދޫކޮށްފައިވާ ސްލޮޓްތަކުގެ މުއްދަތު ހަމަވުމުން، އެ ޖާގަތައްވެސް، އެފަދައިން ނުވަތަ އެ ނޫން ގޮތަކަށް ދޫކުނުކުރުމަށްވެސް އެ ކައުންސިލަށް އަންގާފައިވާކަމަށް އެ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.