
-
ހދ. ހަނިމާދޫ އެއާޕޯޓުގެ 69.2 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.

ހަނިމާދޫ އެއާޕޯޓު މަޝްރޫއުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރ އަދި ކޮންސަލްޓަންޓުންނާއި ބައްދަލުކުރައްވާފައެވެ.
އިއްޔެ ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓްރީގެ އިސް އޮފިޝަލުންނާއި ޓެކްނިކަލް ޓީމުގެ އިތުރުން އެމްއޭސީއެލް އަދި އާރްއޭސީއެލްގެ އިސް ވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ މުޅި ޖުމްލަ 69.2 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާލެވިފައެވެ. މި މަޝްރޫޢު ނިމުމުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ އުތުރުގެ ވައިގެ ދަތުރުފަތުރުގެ މައި މަރުކަޒަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މީގެ ސަބަބުން އުތުރުގެ ރަށްތަކުގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބި، ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާވެގެންދާނެކަމަށްވެސް ލަފާކުރެވެއެވެ.
ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ކުންފުންޏާއެވެ. މި މަސައްކަތް ހިންގަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ. މި މަޝްރޫޢަކީ 2.1 ބިލިއަން ރުފިޔާ ޚަރަދުވާ މަޝްރޫޢެކެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަށް ނިންމާފައިވަނީ 2,460 ކިލޯ މީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް ހިމެނޭ ގޮތަށެވެ.