
ހަނިމާދޫ އެއާޕޯޓުގެ އާ ރަންވޭ
ހދ. ހަނިމާދޫ އެއާޕޯޓުގެ އާ ރަންވޭ އަންނަ އާދިއްޔަ ދުވަހު ބޭނުންކުރަން ފަށާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ބުނެފި އެވެ.

އެކުންފުނިން ބުނީ އިންޑިއާގެ އެހީގައި ހިންގާ ޕްރޮޖެކްޓުގެ ދަށުން އާ ރަންވޭގެ 1.2 ކިލޯމީޓަރު ނިންމުމަށް ފަހު އެބައި ހުޅުވަނީ، މިހާރު ބޭނުންކުރާ ރަންވޭގެ މައްޗަށް އެ އެއާޕޯޓުގައި ހަދާ ރަންވޭއިން ބައެއް އަރާތީ ކަމަށެވެ.
ހަނިމާދޫގައި މިވަގުތު ބޭނުން ކުރަމުން އަންނަނީ 600 މީޓަރުގެ ރަންވޭއެކެވެ. އެ އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓް ނިމޭ އިރު ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯ މީޓަރުގެ ރަންވޭ ހަދާނެ އެވެ.
އެކުންފުނިން އިތުރަށް ބުނެފައިވާ ގޮތުގައި އަލަށް ހަދާ ރަންވޭގެ ބައެއް ބޭނުން ކުރަން ފަށަން ނިންމީ، އެއާޕޯޓުގެ ހިދުމަތް މެދުކެނޑުނަ ނުދީ ކުރިއަށް ގެންދިއުމަށް ކަމަށެވެ.
މި ޕްރޮޖެކްޓަކީ އިންޑިއާގެ އެގްޒިމް ބޭންކުރން 136 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހިންގާ ޕްރޮޖެކްޓެކެވެ. އަލަށް ހަދާ ރަންވޭގައި އޭ 320 އަދި ބޮއިން 737 ބޯޓު ޖެއްސޭނެއެވެ.
ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓްގެ ދަށުން އެ އެއާޕޯޓުގައި އެއާ ޓްރެފިކް ކޮންޓްރޯލް ބިލްޑިން އަކާއި ކާގޯ ބިލްޑިން އާއި ޕެސެންޖާ ޓާމިނަލް ވެސް ހަދާނެ އެވެ.