އެފްއޭއެމްގެ ފައިސާއިން އެޕާޓްމަންޓް ގަތް މައްސަލައިގައި ބައްސާމްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
އަލްފާ އަލީ
9/18/2024, 1:33:54 PM
-
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް، ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު އިން 2 އެޕާޓްމަންޓް ގަނެފައިވާ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރުމަށް ފުލުހުންގެ އިދާރާއިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.
މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސަވާދު ވިދާޅުވީ، ކޮވިޑްގެ ހާލަތުގައި ފީފާ މެދުވެރިކޮށް އެފްއޭއެމުން ނެގި ލޯނުގެ ފައިސާއިން އޭރު އެފްއޭއެމްގެ ރައީސް ކަމުގައި ހުންނެވި ބައްސާމް އަދީލް, ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު އިން 2 އެޕާޓްމަންޓް ގަނެފައިވާ ކަމަށެވެ.
އަމިން އެވެނިއުއިން ދެ އެޕާޓްމަންޓް ގަނެފައިވަނީ އެފްއޭއެމްގެ ފައިސާއިން ކަމަށް ތަހުގީގުން އެނގިފައިވާ ކަމަށާއި, އެގޮތުން އެކަމަށް އެފްއޭއެމްގެ ފައިސާއިން 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ފައިސާ އަކީ އެފްއޭއެމުން ޑޮލަރު މާރުކުރުމުގެ ނަމުގައި އެކި ކުންފުނިތަކަށް ދޫކޮށްފައިވާ ޑޮލަރަށް، ލިބުނު ދިވެހި ރުފިޔާ ކަމަށްވެސް އެނގިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން އެފްއޭއެމުން އަމީން ކޮންސްޓްރަކްޝަންސްއަށް އޭޕްރީލް 14، 2021 ގައި އެއް މިލިއަން ޑޮލަރު ޖަމާކުރިކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މިއީ ކޮވިޑު ރިލީފް ލޯނެއްގެ ގޮތުގައި ފީފާ އިން އެފްއޭއެމް އަށް ދޫކޮށްފައިވާ 1.9 މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ކަމަށްވެސް ބުނެފައިވެއެވެ. މި ޑޮލަރަށްވާ ފައިސާ އެފްއޭއެމްއަށް ލިބިފައި ނުވާ ކަމަށާއި, މި ފައިސާ އެފްއޭއެމްްއަށް ލިބުނުކަން ދެއްކުމަށް ލިޔެކިޔުމެއްވެސް ތައްޔާރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިމައްސަލައިގައި ބައްސާމުގެ އިތުރުން އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އާއި އެފްއޭއެމްގައި އޭރު އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުން ވަނީ ޕީޖީގައި އެދިފަ އެވެ. އަދި އަމިން އެވެނިއުގެ ވެރިފަރާތް ކަމަށްވާ އަމިން ކޮންސްޓްރަކްޝަން އަށްވެސް ދައުވާކުރަން ވަނީ އެދިފައެވެ.
ފުލުހުން މީގެ ކުރިން ވަނީ އެފްއޭއެމްއަށް ލިބެންޖެހޭ 10،000 ޑޮލަރު ބައްސާމުގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށް އެ ފައިސާ ބޭނުންކުރި މައްސަލައިގައިވެސް އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވާފަ އެވެ. މި މައްސަލަތަކާއި ގުޅިގެން ބައްސާމްގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.