
ފޮޓޯ: އެމްވީ ޕްލަސް
ދިވެހި ބޭސްވެރިކަމާ ބެހޭ ދެ ފޮތް ކަމަށްވާ ރާއްޖެ ބަލި އަދި އައްސި ބަލި ފޮތް ނެރެފިއެވެ.

މި ދެ ފޮތަކީ ޒަމާނުއްސުރެ ދިވެހި ބޭސްވެރިކަން ކުރައްވަމުން ގެންދަވާ ބ ކެންދޫ، އަލްއުސްތާޛު އަދުނާން ޔޫސުފް ލިޔުއްވި ދެ ފޮތެވެ.
އަދުނާން ޔޫސުފަކީ ދިވެހި ބޭސްވެރިކަމުގެ ދާއިރާގެ އިތުރުން އަތޮޅު ކޯޓުތަކުގެ ފަނޑިޔާރެއްގެ މަގާމާއި، ހާއްސަ މަޖިލީހުގެ މެމްބަރެއްގެ އިތުރުން އަމީނިއްޔާ ސްކޫލުގެ ޓީޗަރަކާއި ސުޕަވައިޒަރެއްގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
މި ފޮތްތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި އާދީއްތަ ދުވަހު ބޭއްވި ޚާއްސަ ހަފްލާއެއްގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއެވެ. އަދި މި ޖަލްސާގައި ރައީސް މައުމޫންގެ ބޭފުޅުންގެ ތެރެއިން ދުންޔާ އާއި ޔުމްނާ އަދި ފާރިސް މައުމޫން ބައިވެރި ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ގައްޔޫމް ވަނީ މި އަގުހުރި މަސައްކަތްތައް އަދުނާންގެ ޢާއިލާއިން ޙިއްޞާކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވައި، އާދަކާދައިގެ ޢިލްމު ޙިމާޔަތްކޮށް ލިޔުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދިވެހީންގެ އާދަތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި މިފަދަ މަސައްކަތްތަކަކީ ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކަން ފާހަގަކުރެއްވިއެވެ.
އަދުނާނަކީ ރާއްޖޭގައި އާދަޔާ ހިލާފު ބޭސްވެރިކަން ކުރިއެރުވުމުގައި އިސްދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ދިވެހި މެޑިކަލް ޕްރެކްޓިޝަނަރސް އެސޯސިއޭޝަން އުފެއްދުމުގައި އިސްކޮށް އުޅުއްވާ އަދި އެމްއައި ކޮލެޖާ ގުޅިގެން ދިވެހި ބޭސްވެރިކަމުގެ ކޯސްތައް ހިންގުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެގޮތުން 2017 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް މި ކޯސްތަކުގައި 8 ބެޗެއްގެ ދަރިވަރުން ތަމްރީނުކުރައްވައި، ދިވެހި ބޭސްވެރިކަމާއި ބެހޭ ޕްރެކްޓިސްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވުމަށް މަސައްކަތް ކުރެއްވިއެވެ.
އަލަށް ތައާރަފްކުރި މި ދެ ފޮތުގައި ސްޓްރޯކާއި އާތުރައިޓިސް ފަދަ ބަލިތަކަށް ފަރުވާ ދިނުމާއި ފަރުވާތައް އެކުލެވިގެންވާ އިރު، އަދުނާންގެ އެތައް ޖީލެއްގެ ތެރޭގައި ލިބިފައިވާ ފުޅާ ދާއިރާއެއްގައި ލިބިފައިވާ މައުލޫމާތުތަކުން ދައްކުވައިދެ އެވެ. އޭނާގެ މައިންބަފައިންނާއި މާމަ އަދި ކާފަގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ދިވެހި ބޭސްވެރިކަމުގެ އެކި އެކި ލިޔުންތައްވެސް ހިމެނެއެވެ.
އަދުނާން ޔޫސުފް މިހާރުވެސް ގެންދަވަނީ މި މުހިންމު ސަގާފީ ތަރިކަ ހިމާޔަތްކޮށް ފެތުރުމަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދިނުމަށްޓަކައި ދިވެހި ބޭސްވެރިކަމާ ގުޅޭ އިތުރު ފޮތްތަކެއް ގެނައުމުގެ މަސައްކަތް ކުރައްވަމުންނެވެ.