ޔަމަނުގެ ވައިގެ ސަރަަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އެމެރިކާގެ އިތުރު ޑްރޯނެއް ވައްޓާލައިފި, މިއީ މި ހަފްތާގެ ތެރޭގައި ވައްޓާލި އެމެރިކާގެ 3 ވަނަ ޑްރޯން!
އަހުމަދު ޝުރާއު
9/16/2024, 9:37:48 AM
ޔަމަނުގެ ވައިގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އެމެރިކާގެ އަސްކަރީ ޑްރޯންއެއް ހޫތީން ވައްޓާލައިފި އެވެ.
ހޫތީންގެ އަސްކަރިއްޔާގެ ތަރުޖަމާނު ޔަހްޔާ ސާރީ ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރުގައި މިއަދު ވިދާޅުވީ އެ ޖަމާއަތުން އެމެރިކާގެ އަސްކަރިއްޔާގެ އިތުރު އެމްކިއު-9 ރީޕާ ޑްރޯންއެއް ވައްޓާލާފައިވާ ކަމަށެވެ.
އަދި 30 މިލިއަން ޑޮލަރުގެ އަގު ބޮޑު މި ޑްރޯން ވައްޓާލީ ދަމާރު ގަވަރުނަރޭޓް މަތިން ކަމަށް ޔަހްޔާ ވިދާޅުވިއެވެ.
މިއީ ހަފުތާއެއްގެ ތެރޭގައި މިފަދަ ހަމަލާއެއް ދިން ތިން ވަނަ ފަހަރެވެ. އެގޮތުން ފާއިތުވި 7 ދުވަހުގެ ތެރޭގައި ހޫތީން ވަނީ ޔަމަނުގެ ވައިގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އިތުރު 2 އެމްކިއު-9 ރީޕާ ޑްރޯން ވައްޓާލާފައި އެވެ. އަދި ޣައްޒާއާ ދެކޮޅަށް އެމެރިކާގެ ފުރިހަމަ އެހީތެރިކަން ލިބެމުންދާ ޔަހޫދީން ހަނގުރާމަ ފެށިފަހުން މިހާތަނަށް 10 ޑްރޯން ވަނީ ވައްޓާލާފައި އެވެ.
"ހަމަލާދިނުން ހުއްޓާލައި ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުން ވަށާލާފައި އޮތް ވަށާލުން އުވާލައިގެން ނޫނީ އަޅުގަނޑުމެންގެ އޮޕަރޭޝަންތައް ހުއްޓައެއް ނުލާނެ،" ޔަހްޔާ މިއަދުގެ ތަގުރީރުގައި ވިދާޅުވި އެވެ.
އިއްޔެ ވަގުތެއްގައި ހޫތީން ވަނީ އިޒްރޭލުގެ މެދުތެރޭގެ ތެލްއަވީވްއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ބެލިސްޓިކް މިސައިލް ހަމަލާއެއް ދީފައި އެވެ. އެއީ 12 މިނެޓަށް ވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 2،040 ކިލޯމީޓަރު (1،267 މޭލު) އަށް ވުރެ ދިގު ދަތުރެއް ކުރި އާ ހައިޕަސޮނިކް ޕްރޮޖެކްޓައިލް އަކުން ދިން ހަމަލާއެއް ކަމަށް ހޫތީން ވަނި ބުނެފައި އެވެ.