logoEN
cocacola
ބަންކަރިންގެ ޚިދުމަތަށް ގެނައި ދެވަނަ ބޯޓު ކުޅުދުއްފުށީގައި ބަނދަރުކޮށްފި

ބަންކަރިންގެ ޚިދުމަތަށް ގެނައި ދެވަނަ ބޯޓު ކުޅުދުއްފުށީގައި ބަނދަރުކޮށްފި

އަހުމަދު ޝުރާއު

logo

9/14/2024, 8:20:56 AM

# ބަންކަރިންގ ހިދުމަތް

--

ރާއްޖޭގައި އޮފްޝޯ ބަންކަރިންގެ ޚިދުމަތް ފެށުމަށް އެސްޓީއޯއިން ގެނައި "މެރިން ބެއްލާ" މިއަދު ކުޅުދުއްފުށީގައި ބަނދަރުކޮށްފި އެވެ. މިއީ މި ޚިދުމަތަށް ގެނައި ދެވަނަ ބޯޓެވެ.

ގޮސިޔާ

ރާއްޖޭގައި އޮފްޝޯ ބަންކަރިންގެ ޚިދުމަތް ފެށުމަށްޓަކައި އެސްޓީއޯއިން ވަނީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލޭ ދެބޯޓު ގެނެސްފައެވެ. މީގެ ތެރެއިން ފުރަތަމަ ބޯޓު "މެރިން އެންޖެލް" މި މަހުގެ 09 ވަނަ ދުވަހު ވަނީ ކުޅުދުއްފުށީގައި ބަނދަރުކޮށްފައެވެ.

އެސްޓީއޯއިން މަޢުލޫމާތު ދޭ ގޮތުގައި، ބަންކަރިންގެ ޚިދުމަތް ފެށުމުގެ ގޮތުން މި މަހުގެ 20 ވަނަ ދުވަހު ފުރަތަމަ ބޯޓަށް ތެޔޮ ވިއްކަން ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތް އެންމެ ފުރަތަމަ ފަށާނީ އިހަވަންދިއްޕޮޅުގައެވެ.

ރާއްޖޭގެ އެންމެ އުތުރުގައި އިންޓަނޭޝަނަލް ބަންކަރިންގެ ޚިދުމަތާ އެކު، މެރިޓައިމްގެ އިތުރު ޚިދުމަތްތައް ވެސް ދޭން ވަނީ ނިންމާފައެވެ. އެގޮތުން އެސްޓީއޯއިން އޮފްޝޯ ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދޭއިރު، އެމްޕީއެލްއިން ޕައިލަޓޭޖާއި މެރިޓައިމްގެ އެހެން ޚިދުމަތްތައް ދޭނެއެވެ. މި މަހު ފަށާ މި ޚިދުމަތާއެކު ފުރަތަމަ ފަށާނީ ފްލޯޓިން ބަންކަރިންގެ ޚިދުމަތެވެ. އަދި މުސްތަޤުބަލުގައި އެ ސަރަޙައްދުގައި ސްޓޯރޭޖު ވެސް ޤާއިމްކުރާނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިން މަޝްރޫޢެއް ހިންގުމަށް އެސްޓީއޯއިން ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު އެމްއޯޔޫއެއްގައި ސޮއިކުރީ 13 މާރިޗު 2024 ގައެވެ.

ސަރުކާރުން ބުނާ ގޮތުގައި މި ޚިދުމަތް ތަޢާރަފުކުރުމާ ގުޅިގެން، ދިވެހިރާއްޖޭގެ އިޤްތިޞާދަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބިގެންދާނެވެ. ޚާއްސަކޮށް ރާއްޖެއަށް ޒިޔާރަތްކުރާ އުޅަނދުފަހަރުގެ އަދަދު އިތުރުވެ، ޤައުމުގެ ބަނދަރުތަކުގެ ބޭނުންތެރިކަން އިތުރުވެގެންދާނެއެވެ. މީގެ ސަބަބުން، ރަށްރަށުގެ އިޤްތިޞާދީ ޙަރަކާތްތައް ފުޅާވެ، އާމްދަނީ އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ސަރުކާރުން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ