--
ހުޅުމާލޭގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ގާފު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ ހައިވޭ އާއި ހުޅުމާލެ ގުޅޭ މަގުގައި ހުންނަ ވިލާހަކަތަ ޕެޓްރޯލް ޝެޑު ކައިރީގައި އެވެ. އެގޮތުން މި އެކްސިޑެންޓު ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ.
މި އެކްސިޑެންޓުގައި ދެމީހަކަށް އަނިޔާވެގެން ފަރުވާ ދިނުމަށް ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި އެވެ.ނަމަވެސް އެދެމީހުންނަށް ލިބުނީ ކިހާ ވަރުގެ އަނިޔާއެއް ކަމެއް އަދި މިހާތަނަށް ކަށަވަރުވެފައި ނުވެއެވެ.
މި ހާދިސާ ހިނގި ސަރަހައްދުގައި ހުރި ފަރާތަކުން ގާފު ނޫހަށް މައުލޫމާތު ދެމުން ބުނީ އެކްސިޑެންޓުވި ދެ ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެެ.
ފުލުހުން މިރޭ ބުނީ ހުޅުމާލޭ ހައިވޭ ކައިރި އިންނަ ވިލާ ޕެޓްރޯލް ޝެޑް ކައިރީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާޥެގެން އަންހެނަކާއި ފިރިހެނަކު ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.