އެމްސީއެލްޕީ ބަލިކޮށް ސީވީސީ އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި
ހަސަން ޝަމްއޫން
9/4/2024, 7:44:46 PM
އެމްސީއެލްޕީ އާއި ސީވީސީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން
8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް އޭގައި މިރޭ މިނިސްޓްރީ އޮފް ސިޓީ ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވޯކް(އެމްސީއެލްޕީ) އާއި ސިވިލް ކޯޓް (ސީވީސީ) ވާދަކުރި މެޗު 03-09 ގެ ނަތީޖާއަކުން ސީވީސީ އިން ކާމިޔާބުކޮށްފިއެވެ.
މުބާރާތުގައި އެމްސީއެލްޕީ ކުޅުނު ފުރަތަމަ މެޗުގައި 02-33 ގެ ތަފާތުބޮޑުނަތީޖާއަކުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އަތުން ބަލިވިއިރު، ދެވަނަ މެޗުގައި ގޭސް ރެކްރިއޭޝަން ކުލަބު (ޖީއާރުސީ) އަތުން އެޓީމު ބަލިވީ 01-23 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި ސީވީސީގެ ފުރަތަމަ މެޗުގައި 03-37 ގެ ނަތީޖާއަކުން މިނިސްޓްރީ އޮފް އެޑިއުކޭޝަން (އެމްއޯއީ) އަތުން ބަލިވިއިރު، ދެވަނަ މެޗުގައި އެމްސީއެސް އަތުން އެޓީމު ބަލިވީ 08-28 ގެ ނަތީޖާއަކުންނެވެ.
ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެދިޔަ މިމެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ތިން ލަނޑުގެ ލީޑަކާއެކު 4-1 ގެ ނަތީޖާއަކުން އެމްސީއެލްޕީ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު ފަސް ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ސީވީސީއަށް ކާމިޔާބުކުރެވުނީ އިތުރު ދެލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީވީސީގެ އަރީޝާ ފަރަހަތް އެވެ.
މިނަތީޖާއެކު މުބާރާތުގައި ސީވީސީ އިން ކުޅުނު ތިން މެޗުން އެޓީމަށް ތިން ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި އެމްސީއެލްޕީ މުބާރާތުގައި ކުޅުނު ތިން މެޗުން ވެސް އެޓީމު ވަނީ ބަލިވެފައެވެ.
މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 20 ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނޭއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިގެންދާނެއެވެ.