logoEN
Sto top
ޤައުމީ ދުވަހުގެ ހަނދާނުގައި ...

ޤައުމީ ދުވަހުގެ ހަނދާނުގައި ...

# ގައުމީ ދުވަސް

-

މީގެ ދެތިން ރޭ ކުރިން, މާލޭ މަޖީދީމަގުން ދުއްވާފަ ގޮސް އޮބިއޯން ފިހާރަ ކައިރިން ހަދީބީ މަގަށް އަޅާލީމެވެ. އަޅާލައިން މާ ކުރިޔަށް ނުދެވެނީސް, އަހަރެންގެ ލޮލުގައި މަންޒަރެއް އަޅިގަތެވެ. ހީވީ މިސްކިތު ވަޅުން ފެންނަގަން އައިސް ބަޔަކު ތިބިހެންނެވެ. ވެގެން އުޅޭ ގޮތެއް ބަލާނުލާ ދާން ކެތްނުވެގެން, ސައިކަލު އަރިމަތީ ޕާރކު ކޮށްލައިން އަހަރެން ވެސް އިނީމެވެ. އެ ބަހާ ފެނެއް, ރަނެއް ނުވަތަ ބޮޑި ބަތެއް ލިބޭތޯއެވެ. އިރުކޮޅެއް ފަހުން ވެގެން އުޅޭ ގޮއި އިނގިއްޖެއެވެ. އެއްވެސް ހާލެއްގެ ބަހަމުން ދަނީ ފެން ނުވަތަ ރަނެއް ނޫނެވެ. 50 މީހުންނަށް ވުރެ ގިނަ މީހުން ފައިން ލޭ އަރުވައިން އެތިބީ އެ މަގުގައި ހުރި ސުވެނިއާރ ފިހާރައަކުން, ޖެހިގެން އަންނަ ދުވަހު ދަރިފުޅު ސްކޫލަށް ފޮނުވާއިރު ލާނެ ހުދު ޓީށާޓެއް ނުވަތަ “ދިވެހި” ވަންތަ ފޭއްޔެއް ގަންނާށެވެ. ހިތާހިތާ އަހަރެން ސުވާލުކޮށްލީމެވެ. އަހަރަކު ފަސް އިނގިލިން ގުނާލެވޭހާ މަދު ދުވަހަކު ދަރިވަރުން ދިވެހި ހެދުން ލައްވައިން, ބެލެނިވެރިން އެތަކެއް ގަނަ ތެޅި މި ކުރާ މަސައްކަތުގެ އެއްވެސް ބޭނުމެއް ނުވަތަ ފައިދާއެއް އެބައޮތްތޯއެެވެ. މި ޤައުމުގެ ފަހުރުވެރި ޤައުމީ ދުވަހުގައި މުހިއްމީ ސަރުކާރު ބަންދުކުރުންތޯއެވެ. ދަރިވަރުން ސަޤާފީ ހެދުން ލެއްވުންތޯއެވެ. މި ފަހުރުވެރި ދުވަހު ވިސްނާ ފިކުރުކުރަންވީ, ޤައުމީ ދުވަހުން އަޅުގަނޑުމެންނަށް ލިއްބައިދޭ ފިލާވަޅުތަކަށާއި އިބުރަތްތަކަށެވެ.

Wamco

ޤައުމީ ދުވަހަކީ ޕޯޗުގީޒުން(ކަނޑުގެ ބާޒު, ފޮށެތިކާލުން)ގެ އަތްދަށުން އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުން (ބޮޑު ތަކުރުފާން) އާއި އެމަނިކުފާނުގެ ކުޑަކުޑަ ލަޝްކަރު ދިވެހި ރާއްޖޭ މިނިވަން ކުރެއްވި ދުވަހެވެ. އެމަނިކުފާނުގެ ލަޝްކަރުގައި ހިމެނިވަޑައިގެންނެވި ކަމަށްވަނީ ބޭބޭފުޅު ޢަލި ތަކުރުފާނާއި، ކޮއްކޯފުޅު ޙަސަން ތަކުރުފާނާއި، ޢަލީ ޙާޖީއާއި، ޙަސަން ޙާޖީގެ އިތުރަށް ދުވާފަރު ޢަލީ ދަންޑަހެލެވެ.

މިއީ ޢަލީ ރަސްގެފާނު ޝަހީދު ކުރުމަށްފަހު 15 އަހަރާއި 6 މަސް ވަންދެން ރާއްޖޭގައި އަނިޔާވެރި ވެރިކަމެއް ހިންގި ޕޯޗުގީޒުންގެ ބޮޑު ލަޝްކަރުގެ އަތުން މި ޤައުމު ސަލާމަތް ކޮށްދެއްވި ކުޑަކުޑަ ލަޝްކަރެވެ. މި ޖިހާދަކީ އިބުރަތުން ފުރިފައިވާ, މިއަދުގެ ޖީލަށް އިނގުން ލާޒިމު ޖިހާދެކެވެ. އެހެންކަމުން އަޅުގަނޑު މި ޖިހާދު މި ލިޔުމުގައި 3 ބަޔަކަށް ބަހާލާނަމެވެ.

1- ނުވަވަނަ ޙަސަން ރަސްގެފާނާއި ޕޯޗުގީޒުން.

މީލާދީން 1548 ވަނަ އަހަރު (955ހ.) އޭރު ތަހުތުގައި އިންނެވި އައްސުލްޠާން ޙަސަން ޝީރާޒީ އަވަހާރަވުމުން ތަހުތައް އިސްވެވަޑައިގަތީ އައްސުލްޠާން މުޙައްމަދު ސިރީ ސިންގާ ބަވަނަ މަހާރަދުންނެވެ. މި ރަދުން ތަހުތުގައި އިންނެވީ މީލާދީން 1548 ވަނަ އަަަހަރުން 1550 ވަނަ އަހަރާ ހަމައަށެވެ. ތާރީހީ ފަތްފުތްތަކުގައި ލިޔެވިފައިވާ ގޮތުގައި މި ރަދުންގެ ކޮއްކޯފުޅު, ނުވަވަނަ ޙަސަން ރަސްގެފާނު, 1550މ. ވަނަ އަހަރު ތަޙުތު އަތުލެއްވީ, އޭނާގެ ބޭބޭފުޅެއް ކަމުގައިވާ އައްސުލްޠާން މުހައްމަދު ޤަތުލުކުރެއްވާފައެވެ.

މީލާދީން 1551 ވަނަ އަހަރު, 9 ވަނަ ޙަސަން ރަސްގެފާނު ދިވެހި ރާއްޖެގެ ތަޙުތު ދޫކޮށްލަައްވަފައި ކޮއްޗޭއަށް ވަޑައިގަަތެވެ. ގޯވާގައި އެެއިރު ހުންނެވޮ ޕޯޗުގީޒު ވައިސްރޯ ޑޮމް އަފޮންސޯ ޑިނޮރޯޏާ އަރިހުގައި ޙަސަން ރަސްގެފާނު ވިދާޅުވީ އެނާ ކޮއްޗޭއަށް ވަޑައިގަތީ އޭނާގެ ތަޙުތު އަތުލަައްވަން އުޅުއްވާ ބާރުގަދަ ދުޝްމިނެއްގެ ކިބައިން ސަލާމަތް ވެވަޑައިގަތުމަށެވެ. ދިވެހި ރާއްޖޭގެ ތަޙުތު އަލުން ހޯއްދެއްވުމުގައި ވައިސްރޯއިގެ އެހީއަށް ޙަސަން ރަސްގެފާނު އެދިވަޑައިގެން, ނަސާރާ ދީނަށް ވަދެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވެސް ވިދާލުވިއެވެ. ބުނެވޭ ގޮތުގައި ނުވަވަނަ ޙަސަން ރަސްގެފާނު ދީން ބަދަލު ކުރެއްވީ, ޕޯޗުގީޒުން އޭނާއަށް ތަޙުތު ހޯއްދަވައިދޭނޭ ކަމަށް ވިދާލުވުމުންނެވެ.

ކޮންމެޔަކަސް, މ 1558 ވަނަ އަހަރު ނުވަނަ ޙަސަން ރަސްގެފާނުގެ އެދިލެއްވުމަށް ޕޯޗުގިޒުންގެ ފްލޯޓެއް ދިވެހި ރާއްޖެއަށް އެރިއެވެ. މަޤްސަދު ވަރަށް ސާފެވެ. އެއީ އޭރު ތަޙުތުގައި ހުންނެވިތާ ދެ މަހާއި ދުވަސްކޮޅެއްވީ އައްސުލްޠާން ޢަލީ (6 ވަނަ) ހަނގުރާމަކޮށް, ބަލި ކުރައްވާ, ރާއްޖޭގެ ތަހުތު ޙަސަން ރަސްގެފާނަށް ހޯދަވައި ދެއްވުމެވެ. ކަން ހިނގީ ވެސް އެހެންނެވެ. އަލި ރަސްގެފާނު ޝަހީދު ކުރައްވާ, ޕޯޗުގީޒުންގެ ވެރިޔަކަށް ހުރި އަދިރި އަދިންގެ އަދިރިކަން މި ޖައްވަށް ވެރިވެ, ކަނޑުގެ ބާޒުގެ ތޫނުވަކިތައް މި ލޮބުވެތި ފަސްގަނޑުގައި ހިއްޕާލިއެވެ. “ދިވެހި ތާރީހު” މި ފޮތުގައި ބަޔާން ކުރާ ގޮތުގައި އަނދިރި އަނދިރިން ރަސްކަމަށް އެރީ ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ ފުރަތަމަ ދުވަހުގައެވެ.

2-ބޮޑުތަކުުރުފާނުގެ ޖިހާދު

ޕޯޗުގީޒުންގެ އަނިޔާވެރިކަން އިންތިހާ ދަރަޖައަށް ގޮސް, މީހުންގެ މުދާތައް ފޭރި, އަންހެނުންނާ މެދު ބަދު އަޙްލާޤީ އަމަލުތައް ހިންގުމަކީ އަދައިގެ ކަމަކަށް ވަނީ ވެފައެވެ. މި އަދަވަޅުން ޤައުމު ނަގާ ކޮޅަށް ޖެހުމުގެ އިސް މަސްއޫލިއްޔާތު ކޮޑުގައި އަޅައިން ނުކުތީ ތިލަދުންމަތީ އުތީމު ޙުސައިން ޚަތީބު ތަކުރުފާނުގެ ތިން ދަރިކަލުން, ޢަލީ ތަކުރުފާނާއި މުޙައްމަދު ތަކުރުފާނާއީ ހަސަން ތަކުރުފާނެވެ. މި ޤަައުމުގެ މިނިވަންކަމާއި އިސްތިޤުލާ ހޯދައި, މާތްވެގެންވާ އިސްލާމް ދީން ރާއްޖޭގޭ އަލުން ޤާއިމުކުރެއްވުމަށް ޢަޒުމް ކަނޑައެޅުއްވިއެވެ. އެގޮތުން މި މަތިވެރި ޖިހާދުގެ ފުރަތަމަ ފިޔަވަޅައެއްގެ ގޮތުން, ޢާއިލާގެ ބޭފޫޅުން ރައްކާތެރި ކުރެއްވުމަށް އެންމެ ބޭފުޅުން މަލިކަށް ގެންދެވުނެވެ. މަލިކަށް މި ކުރެއްވި ދަތުރުގައި ނަވެއްގެ ގޮތުގައި ބޭނުން ކުރެއްވީ ތިލަދުންމަތީގެ އަތޮޅުވެރިޔާގެ ގޮތުގައި ޕޯޗުގީޒުން ބާރަށުގައި ބަހައްޓައިފައި ވިޔަޒޯރު ގެ އެހީގައި ބެންނެވި ކަޅުއޮށްފުންމިއެވެ.

މަލިކުން އެބޭފުޅުންނާ ބައްދަލުވީ, ޕޯޗުގީޒުން ރާއްޖެ ހިފުމުގެ ކުރިން ހައްޖަށް ދާން ނުކުތް ދިވެހި ދެބެއިން ކަމުގައިވާ ޢަލީ ޙާޖީއާއި ޙަސަން ޙާޖީއެވެ. މި ދެ ބޭކަލުންނަކީ ލޮންސީގެ ހެވިކަމަށް މަޝްހޫރު ދެ ބޭކަލުންނެވެ.

މި ބޭފުޅުން ރާއްޖެ އެބުރި އައިސް އިސްވެގަތީ މަތިވެރި ޖިހާދުގެ އަމަލީ މަސައްކަތައިންނެވެ. ރޭގަނޑުގެ އަނދިރީގައި ރާއްޖޭގެ ރަށްތަކަށް އަރާވަޑައިގެން, ކާފަރުންނާ ހަނގުރާމަ ކުރައްވާ, ފަތިސް ނުވަނީސް ފުރާވާޑައިގަންނަވައެވެ. ދުވާލު އެބޭފުޅުން ތިއްބަވަނީ, ދުޝްމިނުންނަށް އޮޑީގެ ރިޔާ ނުފެންނަ ހިސާބުގައެވެ. ކާފަރުންގެ މީހުންގެ ޢަދަދު މަދުވާން ފެށުމުން, ދެން ތިބި ނަސާރާއިންގެ އެންމެން މާލެއަށް ގޮސް, އުތީމު ބަދަވީންގެ މީސްކޮޅު މާލެއާ ކައިރިވޭތޯ ފާރަށް ތިއްބެވެ. ދިވެހި ލަޝްކަރުގެ ކޮމާންޑަރު މުޙައްމަދު ތަކުރުފާނަށް މި ކަންތައް އެނގިވަޑައިގެންނެވި ހިނދު ކަންނަންނޫރަށް ވަޑައިގެން ޢަލީ ރާޖާގެ އެހީތެރިކަން ހޯއްދެވިއެވެ. ޢަލީ ރާޖާ ދެއްވި ގުރާބާއި ލަޝްކަރާގެން މުޙައްމަދު ތަކުރުފާނު ރާއްޖެ ވަޑައިގެންނެވިއިރު ކަމަކުދާކަށްނެތެވެ. އެމަނިކުފާނު މާލެ ވަޑައިގެންނެވި ރޭގެ އަނެއްދުވަހަކީ ނަޞާރާ ދީން ޤަބޫލު ނުކުރާ މީހުން މެރުމަށް ޕޯޗުގީޒުން ނިންމާފައިވާދުވަހެވެ. އެމީހުންނާ ހަނގުރާމަ ކުރުމަށް ދިވެހިންގެ ތެރެއިން ކެރޭބަޔަކު ގެންދިޔައީ އަތުޖެހުނު އެއްޗެއް ހޯދައި ތައްޔާރު ވަމުންނެވެ.

ރޭގަނޑުގެ ތިންބައިކުޅަ ދެބައި ވެއަތުވުމަށްފަހު މުހައްމަދު ތަކުރުފާނުގެ އޮޑި މާލެ އަތުވެއްޖެއެވެ. މި ބޭފުޅުން ފައިބައިވަޑައިގެން އަނދިރި އަނދިރިންގެ ގަނޑުވަރު ކައިރިއަށް ވަޑައިގަތް އިރު, ގަނޑުވަރުގެ ދޮރާށިން އެތެރޭގައި އަނދިރި އިނދިރިން އިނެވެ. ބުނެވޭ ގޮތުގައި ހެވިކަމުގެ އުކުޅުތައް ބޮޑުތަކުރުފާނާއި އަނދިރި އަނދިރިން ދަސް ކޮށްފައިވަނީ ބޭދާޅުންނެވެ. އެހެންކަމުން ދެ ބޭފުޅުންނަކީ އަޑަށް ބަޑި ޖައްސަވާ ހުށިޔާރު ދެ ބޭފުޅުންނެވެ. ނަމަވެސް ގިނަ ލިޔުންތަކުން ހާމަވާ ގޮތުގައި ބޮޑުތަކުރުފާނު ޖެއްސެވި ބަޑީގެ އުންޑައަކުން އަނދިރި އަނދިރީން މަރުވެއްޖެއެވެ. މި ހަނގުރާމަ ހިނގައި ދިޔައީ ހިޖުރައިން 981 ވަނަ އަަހަރު ރަބީޢުލްއައްވަލް މަހުގެ އެއްވަނަ ދުވަހުއެވެ.

އިބުރަތްތައް

ތެދެކެވެ. ދަރިވަރުން ނަލަ ހައްދުވައިން ސްކޫލުތަކަށް ވެސް ގެންދެވިއްޖެއެވެ. ސަރުކާރު ބަންދު ކުރުމުން އަރާމު ވެސް ކުރެވިއްޖެއެވެ. ނަމަވެސް މިއަދު އަޅުގަނޑުމެން ހަނދާން އާ ކުރަންވީ މި ދުވަސް ވުޖޫދުވުމެގެ ހަޤީޤީ އަސްލަށެވެ.ބޮޑު ތަކުރުފާނު ޤައުމުގެ ދިފާއުގައި ނުކުންނަވަން ޖެހި ވަޑައިގައި ސަބަބަށެވެ. އެއީ ތިމާގެ އަމިއްލަ ވަތަނާއި ވަޒަނަށް ޤައްދާރުވުމުގެ ނުބައި ކަމަށެވެ. ވިސްނަވާ ބައްލަވާށެވެ. މި ދިވެހި ރާއްޖޭ އަޅުވެތި ކުރުމަށް ފުށެތިކާލުން 2 ފަހަރުގެ މަތިން އައެވެ. ނަމަވަސް ދިވެހިންގެ ގަދަ ހިތްވަރުގެ ސަބަބުން މި ފަސްގަނޑުން ވެލި ފުކެއްހާ މިންވަރެއް ވެސް އެ މީހުންނަކަށް ނުލިބުނެވެ. ނަމަވެސް ނުަވަވަނަ ހަސަން ރަސްގެފާނު, ތަހުތުގެ ދަހިވެތިކަމުގަ, އާރާބާރުގެ ދަހިވެތިކަމުގައި ޤައުމަށް ގައްދާރުވުމުގެ ހިތި ނަތީޖާ ފެނި ހިގައްޖެއެވެ. ހަމައެހެންމެ އަޅުގަނޑުމެން ހަނދާން އާކުރުން މުހިއްމު, މި ލޮބުވެތި ފަސްގަޑުގެ މިނިވަންކަން ވެއްޔާ މޮޑެވިގެން ދިޔަ ކޮންމެ ވަގުތެއްގައި ވެސް އެކަމުގެ އަޑީގައި ތިބެނީ ދިވެހި ބައެއްކަމާއި, މިނިވަންކަން އަބުރައި ހޯއްދަވައިދޭނީ ވެސް މި ފަސްގަޑަށް އުފަން ރަތް ލޭ ހިނގާ ދަރިންތަކެއް ކަމެވެ. މި ދުވަހުގެ ބަތަލު, ބޮޑުތަކުރުފާނު ދެއްކެވި ހިކުމަތު އަމަލީގެ މިސާލަކީ މި ޖީލަށާއި ދެން އަންނަން އޮއި ޖީލަށް ލާމަސިލު މިސާލެކެވެ. ފަޟީލަތުއްޝައިޚް އަލްމަރުޙޫމް ޙުސައިން ޞަލާޙުއްދީން ލިޔުއްވި ފަދައިން “މި ރާއްޖެ ފަދަ ކުޑަކުޑަ ތަނެއްގެ ބީރައްޓެހި ރަށެއްގައި އުފެދުނު ޒުވާނަކު ތިމާގެ ދީނަށް ނަޞްރު ދިނުމަށް ތިމާގެ ވަޒަން ބޭރުމީހުންގެ އަތުން ސަލާމަތް ކުޅައުމަށް ކަމަރުބަނދެ ޤުރުބާން ވެގަތުމަށް އެކުރެއްވި ހިތްވަރަކީ ޤިޔާމަތަށް ދާންދެން ސާބަސް ދޭހައި ކަމެކެވެ."

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside