
އެޗްޑީސީގެ ސަބްސިޑަރީއަކަށް އެފްޑީސީ ބަދަލުކޮށްފި, އެޗްޑީސީން އާންމުންނަށް ހިއްސާ ވިއްކަން ފެށުމަށް ވިސްނަނީ!
# އެޗްޑީސީ# އެފްޑީސީ--
ރާއްޖޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް އުފައްދާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން, ރާއްޖޭގެ އާބަން ޑިވެލޮޕްމަންޓާއި ގުޅޭ މައި ކުންފުނި ކަމަށްވާ ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަން ( އެޗްޑީސީ ) ގެ ސަބްސިޑަރީއަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

މިއަދު ރައީސް އޮފީހުން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުމުގައި އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެފްޑީސީއަކީ އެޗްޑީސީގެ ސަބްސިޑަރީ ކުންފުންޏަކަށް ހެދުމަށް ނިންމީ މިއަދުގެ ވަޒީރުންގެ މަޖިލީހުން ކަމަށެވެ.
އެކަމުގެ އިތުރު ތަފްސީލް ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ މި ނިންމުމާއި އެކު ސަރުކާރުގެ ހުރިހާ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާނީ އެފްޑީސީގެ ތެރެއިން ކަމަށާއި އެޗްޑީސީ ވާނީ ސަރުކާރުން ތަރައްގީ ކުރަން ނިންމާ އާބަން ސެންޓަރުތައް ތަރައްގީކުރުމުގެ އެންމެ މުހިންމު މަސައްކަތް ކުރާނެ ކުންފުންޏަށް ކަމަށެވެ.
އަދި މި ނިންމުމާއި އެކު އެފްޑީސީން ކުރާ މަސައްކަތްތަކަކީ ހަމައެކަނި މާލެ ސަރަހައްދަށް އެކަނި އަމާޒުކުރެވޭ މަސައްކަތްތަކަކަށް ނުވެ، މުޅި ރާއްޖޭގައި ވެސް އަސާސީ ބޯހިޔާވަހިކަން ސޯޝަލް ހައުސިން ފޯރުކޮށްދިނުމަށް އެންމެ ބޮޑު ރޯލެއް ކުޅޭނެ ކުންފުންޏަކަށް އެކުންފުނި ވެގެންދާނެ ކަމަށް ހައިދަރު ވިދާޅުވި އެވެ. އެފްޑީސީ, އެޗްޑީސީގެ ސަބްސިޑަރީއަކަށް ބަދަލުވެގެން ދިޔުމާއި އެކު ކުންފުނީގެ ހަރަދުތައް ވެސް ކުޑަވެ އެކުންފުނީގެ މަސައްކަތްތައް ހަލުވި ކުރުމަށް އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށްވެސް ހައިދަރު ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހައިދަރު ވަނީ އެޗްޑީސީގެ ހިއްސާ އާންމުންނަށް ވިއްކައި ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ހެދުމަށްޓަކައި ވެސް މިހާރު މަޝްވަރާތައް ކުރެވެމުންދާ ކަން ހާމަކުރައްވާފައި އެވެ. އެގޮތުން މި ނިންމުމާއި އެކު ކެބިނެޓުގައިވެސް ކޮންމެވެސް ވަރަކަށް މަޝްވަރާކުރެވިފައިވާ ކަމަށް އެކަމުގެ ތަފްސީލީ މައުލުމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނޭ ކަމަށް ހައިދަރު ވިދާޅުވިއެވެ.
އެފްޑީސީއަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އުފެއްދި ކުންފުންޏެކެވެ. ހުޅުމާލޭގައި ތަރައްޤީކުރަމުން އަންނަ ސަރުކާރުގެ ފްލެޓުތައް ކުރިޔަށް ގެންދަނީ އެކުންފުނީގެ ބެލުމުގެ ދަށުންނެވެ.
ގުޅުންހުރި

އެޗްޑީސީގެ ބޯޑަށް އިތުރު ބޭފުޅަކު އައްޔަނުކޮށްފި

އެޗްޑީސީގެ 2025 ވަނަ އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިއުލާނުކޮށްފި

ހިޔާގައި އަލަށް ހަރުކުރާ ލިފްޓުތަކުގެ މަސައްކަތް ނޮވެމްބަރަށް ނިމި ބޭނުންކުރަން ފެށޭނެ - އެޗްޑީސީ
