
ހުޅުވާލެ ފޭސް 2 ގެ ފްލެޓުތައް: - ގާފު ފޮޓޯ | އަހުމަދު ޝުރާއު
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ލިބިފައިވާ ފަރާތްތަކުން އެ ޔުނިޓުތައް ކުއްޔަށް ދޫކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެކޯޕަރޭޝަނުން ދީފި އެވެ.

އެފްޑީސީގެ ފްލެޓުތައް ހައްގުވެރިންނާއި ހަވާލުކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު މިހާރު ބައެއް ފަރާތްތަކުން ފްލެޓުތަކާއި ހަވާލުވެ ދިރިއުޅެންވެސް ވަނީ ފަށާފައިއެވެ. ނަމަވެސް ފްލެޓުތައް ލިބުނު ބައެއް ފަރާތްތަކުން ދަނީ އެތަންތަން ބޮޑު އަގުގައި ކުއްޔަށް ދިނުމަށް ފާޅުގައި އިޝްތިހާރުކުރަމުނެނެވެ.
މިކަމާއި ގުޅިގެން އެފްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސޯޝަލް ހައުސިން ސްކީމްގެ ދަށުން ދޫކޮށްފައިވާ ޔުނިޓުތައް ބައެއް ފަރާތްތަކުން ކުއްޔަށް ދޫކުރުމަށްޓަކައި މަސައްކަތްކުރަމުންދާ ކަމުގެ މައުލޫމާތު އެ ކޯޕަރޭޝަނަށް ލިބިފައިވާ ކަމަށާއި މިކަމަކީ އެފްޑީސީއާއި ޔުނިޓު ލިބިފައިވާ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފު ކަމެއްކަމަަށެވެ.
އެފްޑީސީއިން ހަވާލުކުރާ ޔުނިޓުތަކަށް ދައްކަންޖެހޭ ފައިސާ އެއްކޮށް ދައްކާ ނިމުމުގެ ކުރިން އެ ޔުނިޓުތައް އެހެން ފަރާތަކަށް ކުއްޔަށްދިނުމުގެ އިޚްތިޔާރު އެ ޔުނިޓް ލިބިފައިވާ ފަރާތްތަކަށް އެއްބަސްވުމުގެ ދަށުން ލިބިދީފައި ނުވާނެކަމާއި އަދި އެ ތަންތަނަކީ އެތަންތަން ލިބޭ ފަރާތްތަކުން ދިރިއުޅުމަށް ދޫކޮށްފައިވާ ތަންތަން ކަމުގައި ބަޔާނުގައި ވަނީ ފާހަގަކޮށްފައި އެވެ.
އެފްޑީސީން އިތުރަށް ބުނީ، ޔުނިޓު ލިބޭފަރާތާއި އެފްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 13 ވަނަ މާއްދާގައި ޔުނިޓު ލިބޭ ފަރާތުން ޔުނިޓު އެހެން ފަރާތަކަށް ކުއްޔަށް ނުދޭނެ ކަމުގެ ޔަގީންކަން ދީފައިވާކަމާއި، އަދި އެއާ ހިލާފަށް ޔުނިޓް ލިބޭ ފަރާތުން ޢަމަލުކޮށްފިނަމަ އެކަމެއް ބަލައި ޔުނިޓުގެ ވެރިފަރާތާ އެފްޑިސީއާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެފަރާތާމެދު ފިޔަވަޅުއަޅާނެ ކަމަށެވެ.
ވީމާ، ޔުނިޓު ލިބިފައިވާ ފަރާތްތަކުން އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޢަމަލުކުރުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. ސޯޝަލް ހައުސިން ސްކީމްތަކުގެ މަޤްސަދު ހާސިލްކޮށް، އެކަމުގެ ހައްޤުވެރިންނަށް ފައިދާ ކުރާނެ ގޮތަކަށް މި ސްކީމްތައް ހިންގުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރާނެކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.