
ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓަރީ, ފުވައްމުލައް ސިޓީގައި ޤާއިމްކުރަނީ
# ފުވައްމުލައް ސިޓީ# ދަނޑުވެރިކަމާއި ބެހޭ ވުޒާރާ--
ފުވައްމުލަކުގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓަރީއެއް ޤާއިމުކުރުމަށް ސޮއިކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާ އިން ވަނީ މި މަސައްކަތް ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެގޮތުން މި އެއްބަސްވުމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަލްފާޟިލާ އައިޝަތު ރަމީލާ އެވެ. އަދި ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރު އަލްފާޟިލް އަބްދުﷲ ޙާނިސް މޫސާއެވެ. އޭގެ އިތުރުން، ފުވައްމުލަކު ސިޓީގެ ފަރާތުން ސިޓީ މޭޔަރު އަލްފާޟިލް އިސްމާޢީލް ރަފީޤް ވެސް މި އެއްބަސްވުމުގައި ސޮއިކުރެއްވިއެވެ.
މި އެއްބަސްވުމަކީ ޤައުމީ ފެންވަރުގައި ދަނޑުވެރިކަން ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ.
އެވުޒާރާއިން ބުނީ މި ލެބޯޓަރީގެ މައިގަނޑު މަޤްޞަދަކީ ގަސްތަކުގެ ބަލިތައް ދެނެގަނެ، ކޮންޓްރޯލްކޮށް، ފަރުވާދިނުމަށް ދަނޑުވެރިންނަށް އެހީތެރިވުން ކަމަށެވެ. މިހާތަނަށް ރާއްޖޭގައި ދަނޑުވެރިކަމުގެ ލެބޯރެޓަރީއެއް ނެތުމުން، ބޭރަށް ސާމްޕަލް ފޮނުވައިގެން ޓެސްޓުތައް ހަދަންޖެހޭތީ ޚަރަދު ބޮޑުވެ، ގޮންޖެހުންތަކާ ކުރިމަތިވެފައިވާއިރު، މި މަޝްރޫއުގެ ސަބަބުން ދަޑުވެރިންނަށް ގިނަގުނަ މަންފާ ލިބިގެންދާނެ ކަމަށް އެވުޒާރާއިން ބުނެއެވެ.
މީގެ އިތުރުން، މި ލެބޯޓަރީގައި ޕްލާންޓް ޕެތޮލޮޖީ، އެންޓޮމޮލޮޖީ، ސޮއިލް ސައިންސް، އަދި ޕްލާންޓް ޓިޝޫ ކަލްޗަރގެ ޚިދުމަތްތައް ފޯރުކޮށްދިގެންދާނެއެވެ. 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލެބޯރެޓަރީ އިމާރާތްކުރުމުގެ މަސައްކަތް ނިމޭނެކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ލަފާކުރެއެވެ.,
ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. މި މަޝްރޫޢުއަށް ސަރުކާރުން 11 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާއިރު، ބޭނުންވާ އިކުއިޕްމަންޓްތައް މިހާރު ވަނީ ގަނެ ފުވައްމުލަކަށް ގެނެވިފައެވެ.
މީގެ އިތުރުން، މުވައްޒަފުން ހޯދައި ތަމްރީނުކުރުމުގެ މަސައްކަތްތައް ވެސް ވަނީ ފެށިފައެވެ. މި މަޝްރޫޢުގެ ސަބަބުން ޤައުމީ ފެންވަރުގައި ދަނޑުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ.
ގުޅުންހުރި

ފުވައްމުލަކުގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށިގެން ކުރިޔަށްދަނީ!

މަޝްރޫޢުތަކުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ޝާމިލް ކުރުމުން އިތުރު ފުރިހަމަކަމެއް ލިބޭނެ - މާރިޔާ

ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަނީ
