މާލީ ވުޒާރާގެ އެދުމުގެ މަތީން ބީއެމްއެލްގެ ހާއްސަ އާންމު ޖަލްސާއެއް އަންނަ މަހު 21 ގައި ބާއްވަނީ
އަހުމަދު ޝުރާއު
8/27/2024, 2:07:14 PM
--
ގައުމީ ބޭންކު, ބޭންކް އޮފް މޯލްޑިވްސްގެ ޚާއްސަ އާންމު ޖަލްސާއެއް އަންނަ މަހު ބޭއްވުމަށް އެބޭންކުން ނިންމައިފި އެވެ.
ބީއެމްއެލުން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ އެބޭންކުގެ ހާއްސަ އާންމު ޖަލްސާއެއް ބާއްވާދިނުމަށް އެދ،ި 24 އޮގަސްޓް 2024 ގައި މާލީ ވުޒާރާއިން ވަނީ އެ ބޭންކުގައި އެދިފައި ކަމަށެވެ. މާލީ ވުޒާރާއަކީ އެބޭންކުގެ މައި ހިއްސާދާރެވެ.
މި ޚާއްސަ އާންމު ޖަލްސާ ބޭއްވުމަށް ބީއެމްއެލުން ތަވާލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު އެވެ. އެގޮތުން މި ބައްދަލުވުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ އޮންލައިން މީޓިންގ މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށް ކަމަށް އެބޭންކުން ބުނެއެވެ.
މި އާންމު ޖަލްސާގެ އެޖެންޑާވެސް ވަނީ ބީއެމްއެލްގެ އިއުލާނުގައި ހާމަކޮށްފައެވެ. އެގޮތުން މި ޖަލްސާގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 20 ޖުލައި 2024 ގައި ބޭއްވުނު ބޭންކުގެ ހާއްސަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމުގެ އިތުރުން ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރުމެވެ. މިކަންކަން ފިޔަވާ އިތުރު އެހެން ކަމެއް މި ޖަލްސާގައި ފާސްކުރުމަށް ހުށަހެޅިފައިނުވާ ކަމަށް ބޭންކުން ބުނެއެވެ.
ބީއެމްއެލުން ބުނީ އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބު ކުރެވޭ މެންބަރުންގެ ތަފްސީލު ބޭންކުގެ ހިންގާ ގަވާއިދުގެ 48 ވަނަ މާއްދާގައިވާ ގޮތުގެ މަތިން 14 ދުވަހުގެ ކުރިން އިއުލާނު ކުރެވ،ި މި ބޭފުޅުންނާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓްގައި ޝާއިއު ކުރެވޭނެ ކަމަށެވެ.
މި ޖަލްސާ އަކީ އޮންލައިން ކޮށް ބާއްވާ ޖަލްސާއެއްކަމުނ،ް މި ޖަލްސާގައި ވޯޓުލުން ކުރިއަށް ގެންދިޔުމަށްވެސް ހަމަޖެހިފައިވަނީ "ފަހިވޯޓު" ވެދުވެރިކޮށް ކަމަށްވެސް ބޭންކުން ބުނެއެވެ.
މިޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ 10 ސެޕްޓެމްބަރު 2024 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އެބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ ހިއްސާދާރުންނަށް އެކަނި އެވެ.
މި ޖަލްސާގައި ބައިވެރިވާން ބޭނުންފުޅުވާ ހިއްސާދާރުން 29 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން 19 ސެޕްޓެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ނިޔަލަށް ޕްރ-ީރަޖިސްޓަރީވުމަށް ހުޅުވާލާނެ އެވެ. މި ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ހަމަޖެހިފައިވަނީ އެެ މުއްދަތުގެ ނިޔަލަށް ޕްރ-ީރަޖިސްޓަރީކުރައްވާ ފަރާތްތަކަށް އެކަނި ކަމަށް ބީއެމްއެލުން ބުނެއެވެ.