ނޭނގި ހެދޭ ގޯސްތައް ހޯދާ އިޞްލާޙުކުރުމަށް އިންޓަރނަލް އޮޑިޓް ރަނގަޅުވާން ޖެހޭ - އާދަމް ޝަރީފް
އަހުމަދު ޝުރާއު
8/27/2024, 3:14:37 PM
--
ނޭނގި ހެދޭ ގޯސްތައް ހޯދާ އިޞްލާޙުކުރުމަށް އިންޓަރނަލް އޮޑިޓް ރަނގަޅުވާން ޖެހޭ ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ދައުލަތުގެ ޕްރޮކިޔުމަންޓް ނިޒާމާއި ކައުންސިލުތަކުގެ ފައިސާގެ ކަންތައްތައް ހިންގާ ބެލެހެއްޓުމާއި އަދި އިދާރީ ގޮތުން ކައުންސިލުތައް ހިންގުން ހަރުދަނާކުރުމާ ގުޅޭ 3 ދުވަހުގެ ތަމްރީނު ޕްރޮގްރާމް ފައްޓަވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި އެ ވަޒީރު ދެއްކެވި ވާހަކަފުޅުގައި ރަށްރަށުގެ އިންޓަރނަލް އޮޑިޓް ވަރުގަދަވާން ޖެހޭ ކަމަށް ވިދާޅުވެފައި ވެއެވެ. ނަމަވެސް ގަސްތުގައި ކައުންސިލްތަކުން ގޯހެއް ހައްދަވާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. އެކަމަކު ނޭނގިގެން ހެދޭ ގޯސްތައް ހޯދާ އިޞްލާޙުކުރުމަށް އިންޓަރނަލް އޮޑިޓް ރަނގަޅުވާން ޖެހޭ ކަމަށް ވިދާޅުވެ، އަތޮޅު ކައުންސިލްތަކުގެ އިންޓަރނަލް އޮޑިޓް ހެދުމުގެ ޤާބިލްކަން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ކައުންސިލްތާއި ބެހޭ މިނިސްޓްރީއާ ގުޅިގެން، އެލްޖީއޭގެ ފަރާތުން އޮންލައިންކޮށް ހިންގާ މި ތަމްރީނު ޕްރޮގްރާމުގައި މާލެ އަތޮޅާއި، އަރިއަތޮޅު އުތުރުބުރިއާއި، އަރިއަތޮޅު ދެކުނުބުރިއާއި، ފެލިދެ އަތޮޅައި، އަދި މުލަކަތޮޅުގެ 40 ރަށެއްގެ ރަށު ކައުންސިލުންނާއި އެ 5 އަތޮޅުގެ އަތޮޅު ކައުންސިލުން ޖުމްލަ 170އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވެ ލައްވައެވެ.
މިއަދު ހެނދުނު ފެށި، މި ޓްރޭނިންގ ޕްރޮގްރާމު ފައްޓަވައިދެއްވައި ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި އެމްއެންޔޫއިން ކުރި ދިރާސާއިން ވަރަށް ގިނަ މަޢުލޫމާތުތަކެއް ލިބިގެން ހިނގައްޖެ ކަމަށާ، ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ޤަބޫލުކުރައްވާ ގޮތުގައި، ކައުންސިލުތަކަށް މި ފަދަ ޓްރޭނިންގ ޕްރްގްރާމްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
މިއަދުން ފެށިގެން މި މަހުގެ 29 އަށް އެލްޖީއޭގެ ފަރާތުން ހިންގާ މި ޕްރޮގްރާމުގެ ސަބަބުން ކައުންސިލުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ގިނަގުނަ ފައިދާތަކެއް ލިބި ކައުންސިލުތަކުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް ދެކެމެވެ.