ޕާކިސްތާނުގައި ބޮމެއް ގޮއްވާލައިގެން ދިން ހަމަލާއެއްގައި ދެ ކުޑަކުދިން މަރުވެއްޖެ
އަހުމަދު ޝުރާއު
8/24/2024, 5:28:02 PM
ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި ހުންނަ ފުލުސް އޮފީހެއް ކައިރީގައި ބޮމެއް ގޮއްވާލައި ދެ ކުއްޖަކު މަރުވެ 16 މީހުން ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ހޮނިހިރު ދުވަހު ޕިޝިން ޑިސްޓްރިކްޓްގައި ސައިކަލަކާ ގުޅިފައިވާ ރިމޯޓް ކޮންޓްރޯލް ބޮމެއް ގޮއްވާލި ހާދިސާގައި ޒަހަމްވި މީހުންގެ ތެރޭގައި ހަތް ފުލުހަކު ވެސް ހިމެނޭ ކަމަށް އެ ގައުމުގެ ގާނޫނު ތަންފީޒުކުރާ އޮފިޝަލަކު ރޮއިޓާސް ނިއުސް އެޖެންސީއަށް ވިދާޅުވި އެވެ.
"އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ބޮން ހަރުކޮަށްފައި ހުރީ،" ފުލުސް އޮފިސަރު މުޖީބު-ޔޯ-ރަހްމާން ވިދާޅުވި އެވެ.
ޕާކިސްތާނުގެ ނޫހެއް ކަމަށްވާ ޑޯން ނިއުސްއާ ހަވާލާދީ ޕާކިސްތާނުގެ ނޫހެއް ކަމަށްވާ ޑޯން ނިއުސްގައި ބުނެފައި ވަނީ މި ހަމަލާގެ ޝިކާރަކަށްވީ ކުށެއް ނެތް ކުދިން ކަމަށާއި ބޮން ގޮއްވާލާފައިވަނީ އެދެކުދިން ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ކައިރިން ހިނގާފައި ދަނިކޮށް ކަމަށެވެ.
މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވި ނަމަވެސް ހަމަލާ ދިން ސަރަހައްދަށް ޕާކިސްތާނުގެ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓް (ސީޓީޑީ) އާއި ބޮމް ޑިސްޕޯސަލް ސްކޮޑް ހަރަކާތްތެރިވަމުން އަންނަ ކަމަށް ޑޯން ނިއުސް އިން ބުންޏެވެ.
ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ މި ހަމަލާގައި މަރުވި ކުދިންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައި އެވެ. އަދި އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ދެނެގަނެ ނަމޫނާ އަދަބު ދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ފާއިތުވި އަހަރުތަކުގައި ޕާކިސްތާނުގައި ހަތިޔާރު އެޅި ޖަމާއަތްތަކުން ހަމަލާތައް ދިނުން ވަނީ އިތުރުވެފަ އެވެ.