ގައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓައިލީ އެމްޑީޕީން - ސައީދު
އަހުމަދު ޝުރާއު
8/24/2024, 4:58:49 PM
--
ގައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓައިލީ އެމްޑީޕީގެ ސަރުކާރުން ކަމަށް އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިފަދައިން ވިދާޅުވީ ދައުލަތުގެ މާލީ ނިޒާމުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމުގެ ގޮތުން ވެސް ބޭންކް އޮފް މޯލްޑިވްސްއަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓާލުމަށް އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ކުރެއްވި ޓުވީޓަކަށް ރައްދުދެއްވަމުންނެވެ. ބީއެމްއެލްގެ ބޯޑުން އައިޝަތު ނޫރައްދީން ވަކިކުރެއްވުމާއި ގުޅިގެން ފައްޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ބީއެމްއެލްއަކީ އިގުތިސޯދުގެ މުހިންމު ބައެއް ކަމަށާއި އެ ބޭންކަށް މިނިވަންކަމާއެކު އޮޕަރޭޓު ކުރުމުގެ ފުރުސަތު އޮންނަން ވާނެ ކަމަށެވެ. އަދި އިގުތިސޯދީ ކާރިސާއެއްގެ ތުންފަތްމަތީގައި ގައުމު އޮތް ވަގުތެއްގައި އައިޝަތު ނޫރައްދީން ފަދަ ތަޖުރިބާކާރު ބޭންކަރަކު ބީއެމްއެލްގެ ބޯޑުން ވަކިކުރުމަކީ މޮޔަކަމެއް ކަމަށާއި މި ކަމުގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުގެ މެދުގައި ރާއްޖޭގެ މާލީ ނިޒާމާ މެދު ނޭދެވޭ ވިސްނުމެއް އުފެދިގެންދާނެކަަމަށް ފައްޔާޒް ވިދާޅުވިއެވެ. މީގެ އިތުރުން ދައުލަތުގެ މާލީ ހާލާތާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި، މިއީ ކަންބޮޑުވާ ފަދަ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ފައްޔާޒް ސިފަކުރެއްވި އެވެ.
ފައްޔާޒަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ 100އަހަރާއި ނުބައްދަލު ދަރަނި ނަގައި، އަޑި ނޭނގޭ ފުންމިނަށް އިޤްތިޞާދު ވައްޓައިލި 5 އަހަރުގެ މިނިސްޓަރު މިވާހަކަ ދެއްކުން ލަދުވެތި ކަމަށެވެ. އަދި މުޅިނިޒާމް އެފުށް މިފުށަށް ޖަހައި، ގައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓައިލީ އެމްޑީޕީން ކަމަށް ސައީދު ވިދާޅުވިއެވެ.
" ވަކި މީހަކަށްވުރެ ޤައުމުގެ މަސްލަޙަތު މާމުހިއްމު " ސައީދުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ރާއްޖޭގެ އިސްތިސޯދު މިވަގުތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި އެވެ. އެގޮތުން ސަރުކާރުން ބުނާގޮތުގައި އިގްތިސޯދީ ހާލަތު ދަށަށް ގޮސްފައިވަނީ ކުރީ ސަރުކާރުން ކުރި ކަންތައްތަކެއްގެ ސަބަބުންނެވެ. އެންމެ ބޮޑު ކަމަށް ސަރުކާރުން ބުނަނީ ކުރީ ސަރުކާރުން 8 ބިލިއަނެއްހާ ރުފިޔާ ޗާޕުކޮށްފައިވާ ކަމަށާއި މިކަމުގެ ސަބަބުން ރާއްޖެއަށް ދިގު މުއްދަތަކަށް އެކަމުގެ އަސަރު ކުރާނެ ކަމަށެވެ.
އަދި ދައުލަތުގެ ހަރަދުތައް ކުޑަކޮށް ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ގެންދަވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.