މޯލްޑިވިއަނުން ގަތަރު އެއާވޭސްއާއެކު އިންޓަލައިން ޕާޓްނާޝިޕެއް!
އަހުމަދު ޝުރާއު
8/22/2024, 10:39:50 AM
--
ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ ގަތަރު އެއާވޭސް އާއެކު ރާއްޖޭގެ ގައުމީ އެއާލައިނުން އިންޓަލައިން ޕާޓްނާރޝިޕެއް ގާއިމްކޮށްފި އެވެ.
ގަތަރު އެއާވޭސްއިން ބުނީ މޯލްޑިވިއަންއާއި އެކު ގާއިމްކުރެވުނު އިންޓަލައިން ޕާޓްނާޝިޕާއި އެކު ގަތަރު އެއާވޭސްގެ ޓިކެޓުގައި އިތުރު ޓިކެޓެއް ނުނަގާ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ކަނެކްޝަން ފަތުރުވެރިންނަށް ލިބިގެންދާނެ ކަމަށެވެ. އެގޮތުން މޯލްޑިވިއަންއިން ދަތުރުކުރަމުންދާ އެތެރޭހެ 17 މަންޒިލަކަށް ކަނެކްޝަން ލިބިގެންދާނެ ކަމަށް ގަތަރު އެއާވޭސްއިން ނެރުނު ބަޔާނުގައި ބުނެފައި އެވެ.
ގަތަރު އެއާވޭސްގެ ޗީފް ކޮމާޝަލް އޮފިސަރު ތިއޭރީ އެންޓިނޯރީ ވިދާޅުވީ ގަތަރު އެއާވޭސްގައި ފަސިންޖަރުންނަށް އިނޮވޭޓިވް ޓްރެވަލް އެކްސްޕީރިއެންސް ތައް ފޯރުކޮށްދިނުމުގެ ގޮތުން ހިދުމަތްތައް ފުޅާކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެންމެ ފަހުގެ މޯލްޑިވިއަން އިންޓަރލައިން ޕާޓްނަރޝިޕާއެކު، އެއާލައިންގެ ފަސިންޖަރުންނަށް ޗުއްޓީގެ ދަތުރުފަތުރުތަކުގައި އައު ފައިދާތައް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
މޯލްޑިވިއަންގެ ޗީފް ކޮމާޝަލް އޮފިސަރު އިސްމާއިލް އަމްރާހު އުމަރު ވިދާޅުވީ ގަތަރު އެއާވޭސްއާ އެކު އިންޓަލައިން ޕާޓްނަޝިޕް އިއުލާނު ކުރެވިގެން ދިޔުމަކީ އެއާލައިނުން ވަރަށް އުފާކުރާ ކަމެއް ކަމަށާއި މި ޕާޓްނާޝިޕް މެދުވެރިކޮށް ރާއްޖޭގެ 17 މަންޒިލެއްގެ ނެޓްވޯކްގެ ތެރޭގައި ދަތުރުކުރާއިރު ކަސްޓަމަރުންނަށް އިންޓަނޭޝަނަލް ބެގޭޖް އެލަވަންސާ އެކު ފަސޭހަކަމާއެކު ކަނެކްޓިވިޓީ ލިބިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ހަރުދަނާ އަދި ކުރިއަރަމުން އަންނަ ރޫޓް ނެޓްވޯކަށް އިތުރު ޗޮއިސްތަކެއް ހޯދައިދީ، އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުކުރާ ފަރާތްތަކަށް އަޅުގަނޑުމެންގެ ރީތި ރަށްތައް ދައްކައިދިނުން." މޯލްޑިވިއަންގެ ޗީފް ކޮމާޝަލް އޮފިސަރު އިސްމާއިލް އަމްރާހު އުމަރު ވިދާޅުވިއެވެ.
މި ޕާޓްނާޝިޕާއި އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަރަވަންދޫ އެއާޕޯޓު (DRV)، ފަރެސްމާތޮޑާ އެއާޕޯޓް (FMT)، ފުނަދޫ އެއާޕޯޓް (FND)، ފުވައްމުލަކު އެއާޕޯޓް (FMV)، ގަން އިންޓަނޭޝަނަލް އެއާޕޯޓު (GAN)، ކޫއްޑޫ އެއާޕޯޓު (GKK)، ހަނިމާދޫ އެއާޕޯޓް (HAQ)، ކުޅުދުއްފުށީ އެއާޕޯޓް (HDK)، ހޯރަފުށި އެއާޕޯޓް (HRF)، ކާޑެއްދޫ އެއާޕޯޓް (KDM)، ކައްދޫ އެއާޕޯޓު (KDO)، މަޑިވަރު އެއާޕޯޓް (LMV) , މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (NMF)، މާވަރުލު އެއާޕޯޓް (RUL)، ތިމަރަފުށި އެއާޕޯޓް (TMF) އާއި އިފުރު އެއާޕޯޓު (IFU) އަދި ފަރެސްމާތޮޑާ އެއާޕޯޓު(FMT) އަށް ގަތަރު އެއާވޭސްގެ ޕަސެންޖަރުންނަށް ކަނެކްޝަން ލިބިގެންދާނެ އެވެ.
މޯލްޑިވިއަންއިން މީގެ ކުރިންވެސް ވަނީ ދުނިޔޭގެ މަަގްބޫލު އެތައް އެއާލައިންއަކީ އެކު އިންޓަރލައިން ޕާޓްނާޝިޕްތައް ގާއިމްކޮށްފައެވެ.