
ފިލިޕީންސުން އެމްޕޮކްސް ވައިރަހުގެ ކޭސްއެއް ފެނިފައިވާ ކަމަށް އެގައުމުގެ ހެލްތު ޑިޕާޓްމަންޓުން ބުނެފި އެވެ.

ފިލިޕީންސްއިން އެމްޕޮކްސްގެ ކޭސްއެއް އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެވެ. އަލަށް ފެނުނު ކޭސްއާއި އެކު ބަލީގެސްޓްރެއިން ދެނެގަތުމުގެ ޓެސްޓުގެ ނަތީޖާއަށް އިންތިޒާރު ކުރަމުން އަންނަ ކަމަށް ފިލިޕީންސްގެ ހެލްތު ޑިޕާޓްމަންޓުން ބުނެއެވެ.
ޑިޕާޓްމަންޓް އޮފް ހެލްތް (ޑީއޯއެޗް) އިން ބުނީ ޕޮޒިޓިވްވެފައިވަނީ ފިލިޕީންސް އިން ބޭރުގައި އެއްވެސް ޓްރެވަލް ހިސްޓްރީއެއް ނެތް އުމުރުން 33 އަހަރުގެ ފިލިޕީންސް ފިރިހެނެއް ކަމަށެވެ.
މިއީ މި ބަލީގެ ސަބަބުން ދުނިޔޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރިފަހުން އޭޝިއާ ބައްރުން މި ބަލި ފެނުނު ދެ ވަނަ ގައުމެވެ. އެގޮތުން ޕާކިސްތާނުންވެސް މި ބަލީގެ ކޭސްއެއް ފެނިފައިވާކަން ނިމުނު ހަފްތާގައި ވަނީ ހާމަކޮށްފައެވެ. އެފްރިކާ ބައްރުގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ މި ބަލީގެ ކޭސްއެއް ދާދި ފަހުން ސްވެޑެންއިންވެސް ވަނީ ފެނިފައި އެވެ.
އެމްޕޮކްސް މިހާރު ހަލުވިކަމާއެކު ފެތުރެމުންދަނީ ޑިމޮކްރެޓިން ރިޕަބްލިކް އޮފް ކޮންގޯ އާއި އެފްރިކާގެ ބައެއް ގައުމުތަކުގައެވެ. 2022 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް 116 ގައުމަކުން މި ބަލީގެ 99000 އަށްވުރެ ގިނަ ކޭސްތައް ވަނީ ފެށިފައެވެ.
އެމްޕޮކްސްއަކީ ބައިނަލްއަގްވާނީ ފެންވަރުގައި ކަންބޮޑުވާންޖެހޭ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމުގައި މި މަހުގެ 14 ވަނަ ދުވަހުގެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ. އަދި އެ ހާލަތު އިއުލާންކޮށްފައިވަނީ މި ބައްޔަކީ ކުރިން އެފްރިކާގެ ގައުމުތަކުގައި އޮތް ބައްޔަކަށް ވީ ނަމަވެސް މިހާރު މި ބަލީގެ އާ ސްޓްރެއިންއެއް ފެނި އެހެން ގައުމުތަަކަށް ބަލި ފެތުރެމުންދާތީ އެވެ.
ގުޅުންހުރި

ފިލިޕީންސާއި އެމެރިކާއިން ޗައިނާއާ ދެކޮޅަށް އަސްކަރީ އިންޓެލިޖެންސް ހިއްސާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެއިން އެމްޕޮކްސްގެ ކޭސްތަކެއް ފެނިފައިވާ ކަމަށްބުނެ ފަތުރަމުންދަނީ ދޮގު ހަބަރެއް!

ފިލިޕީންސްގެ ކުރީގެ މޭޔަރު އެލިސް ގުއޯ އިންޑޮނޭޝިއާއިން ހައްޔަރުކޮށްފި
