
--
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޒަހަމްވި 41 މީހުންނާއެކު ފަލަސްތީނުގެ 127 ރައްޔިތަކު މެލޭޝިއާއަށް ގެންގޮސްފިއެވެ.

މިއީ ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާއިން ޒަހަމްވި މީހުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް މުސްލިމް ގައުމުތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ޒަހަމްވި ބަޔަކު ބޭސްފަރުވާއަށް އޭޝިއާގެ ގައުމަކަށް ގެނައި ފުރަތަމަ ފަހަރެވެ. މި ޚާއްސަ އޮޕަރޭޝަނަކީ މެލޭޝިއާެ ސަރުކާރާއި ބޯޑަރަކުން ޣައްޒާއާއި ގުޅިފައިވާ މިސްރުގެ ސަރުކާރާއި ގުޅިގެން ކުރިޔަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެކެވެ.
ފަލަސްތީނުގެ 127 މީހުންނާއި އެކު މިސްރުގެ ގާހިރާއިން ރޯޔަލް މެލޭޝިއާ އެއާފޯސް (އާރްއެމްއޭއެފް) ގެ އޭ400 އެމް މަރުކާގެ ދެ މަތިންދާ ބޯޓު މެލޭޝިއާގެ ސުބަންގް އެއާފޯސް ބޭސްއަށް ޖައްސާފައިވަނީ އިއްޔެ މެންދުރު އެވެ.
މެލޭޝިއާގެ ޑިފެންސް މިނިސްޓަރު ދާތުކް ސެރީ މުހައްމަދު ޚާލިދު ނޯޑިން ވިދާޅުވީ ފަލަސްތީނު މީހުން މެލޭޝިއާއަށް ގެނައުމުގެ މިޝަން އަކީ އިންސާނިއްޔަތަށްޓަކައި އަދި ފަލަސްތީނަށް އެއްބައިވަންތަކަން ދެއްކުމަށާއި ލާއިންސާނީ އަމަލުތައް ނުވަތަ ޖަރީމާތައް ހުއްޓުވުމަށް އެ ގައުމުގެ ސްޓޭންޑުގެ ދަށުން ކުރި މަސައްކަތެއް ކަމަށެވެ.
އެގޮތުން މެލޭޝިއާއަށް ގެނައި މީހުންގެ ތެރެއިން 41 މީހުންނަކީ ޒަހަމްތަކާއި އެކު ފަރުވާއަށް މެލޭޝިއާއަށް ގެނައި މީހުންކަމަށާއި ބާކީ ތިބި 86 މީހުންނަކީ އެމީހުންގެ އާއިލާތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ފަރުވާއަށް ގެނައިމީހުންގެ ތެރޭގައި ހިމެނެނީ އަށް މަހާއި 62 އަހަރާއި ދެމެދުގެ މީހުން ކަމަށާއި އެއީ އަންހެން 21 މީހުންނާއި 20 ފިރިހެނުން ކަންވެސް އޭޭނާ ހާމަކުރެއްވި އެވެ.
މުހައްމަދު ޚާލިދު ވިދާޅުވީ ކަރާޗީގައި ޓްރާންސިޓަކާއެކު މިސްރުން މެލޭޝިއާއަށް ދިއުމަށް ދެ މަތިންދާބޯޓު 13 ގަޑިއިރު ހޭދަވި ކަމަށެވެ.
"މި 41 މީހުންވެސް އިތުރު ފަރުވާއަށް ވަންގްސާ މަޖޫގައި ހުންނަ ޓުއާންކޫ މިޒާން އާމްޑް ފޯސަސް ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ސުބަންގް އެއާފޯސް ބޭސްގައި ހުންނަ ފީލްޑް ހޮސްޕިޓަލެއްގައި ހާލަތު ދެނެގަތުގެ މަސައްކަތް ކުރާނެ, "ހޮސްޕިޓަލުގައި ޖުމްލަ ތިން ވޯޑެއް ބޭނުންކޮށްގެން ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް ވަނީ ހަމަޖެހިފައި." އޭނާ ވިދާޅުވިއެވެ.
ޔަހޫދީންގެ ހަމަލާތަކުގައި ޒަހަމްވި ފަލަސްތީނުގެ މީހުން ބޭސްފަރުވާއަށް ގެންދިޔުމަށް 6 ގައުމަކުން ޝައުގުވެރިކަން ފާޅުކުރި އިރު މެލޭޝިއާ އަކީ އެކަން ކާމިޔާބުކަމާ އެކު ކުރި ފަސް ވަނަ ގައުމެވެ.