މޯލްޑިވިއަންއިން އޭޓީއާރުގެ އިތުރު ތިން ބޯޓު ހޯދަނީ
އަހުމަދު ޝުރާއު
8/16/2024, 12:18:00 PM
--
ރާއްޖޭގެ ގައުމީ އެއާލައިން, މޯލްޑިވިއަންގެ ފްލީޓު އައު ކުރުމަށާއި އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރު ތިން ބޯޓު ހޯދަން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަަަސް އިން އިއުލާނުކޮށްފި އެވެ.
އައިއޭއެސްއިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ އޭޓީއާރް 600-42 މަރުކާގެ ތިން މަތިންދާބޯޓު 15 އަހަރު ދުވަހަށް ކުއްޔަށް ހިފަން ބޭނުންވާ ކަމަށެވެ. އެގޮތުން މި ފުރުސަތު ހުޅުވާލާފައިވަނީ މަތިންދާ ބޯޓު ގެންގުޅޭ ފަރާތްތަކަށާއި ބޯޓު ކުއްޔަށް ދޭ ކުންފުނިތަކާއި ކޮމާޝަލް ބޭންކުތަކަށް އަދި މާލީ ކުންފުނިތަކަށެވެ.
މޯލްޑިވިއަންއަށް މި ބޯޓުތައް ފޯރުކޮށްދޭންޖެހޭ ތާރީހުތައްވެސް އިއުލާނުގައި ހިމަނާފައިވެ އެވެ. އެގޮތުން އެއް ބޯޓު މި އަހަރުގެ ޑިސެމްބަރަށް، އަނެއް ބޯޓު އަންނަ އަހަރުގެ އޮގަސްޓަށް އަދި ފަހު ބޯޓު 2026ގެ އޮކްޓޯބަރަށް ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.
މި ބޯޓުތައް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، އާރުއެފްޕީގައި ކަނޑައަޅާފައިވާ ޝަރުތުތަކާ އެއް ގޮތްވާ ގޮތުގެ މަތިން، ޕްރޮޕޯސަލް ހުށަހެޅުމަށް ދައުވަތު އަރުވާ ކަމަށް އެ އިއުލާނުގައިވެ އެެވެ. އާރުއެފްޕީ ނުވަތަ ޕްރޮޖެކްޓްގެ އެއްވެސް ކަމެއް ސާފުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އައިލެންޑް އޭވިއޭޝަނަށް ލިޔުމުން ހިއްސާކުރުމަށް ވެސް ވަނީ އެދިފައި އެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 29 ވަނަ ދުވަހެވެ.
މޯލްޑިވިއަންގެ ފްލީޓުގައި ކުރިން ބޭނުންކުރަމުން އައި ޑޭޝް މަރުކާގެ ބޯޓުތައް ފޭސް އައުޓު ކުރުމުގެ މަސައްކަތް އެކުންފުނިން ފެށީ މިދިޔަ އަހަރު އެވެ. އެގޮތުން މޯލްޑިވިއަންގެ ފްލީޓަށް ބޮމްބްޑިއާ ޑޭޝްގެ ބަދަލުގައި އޭޓީއާރް ގެ ބޯޓުތައް ހޯދުމަށް ނިންމައި މިދިޔަ އަހަރު ފުރަތަމަ ބޯޓު ގެނެސްފައި ވެއެވެ. އަދި މިހާރު މޯލްޑިވިއަންގެ ފްލީޓުގައި އޭޓީއާރް މަރުކާގެ ހަތަރު ބޯޓު ހިމެނެއެވެ.