
މާދަމާ އައިޖީއެމްއެޗްގެ ސްޕެޝެލިސްޓް އޯޕީޑީއާއި އެހެނިހެން ކްލިނިކް ޚިދުމަތްތައް ބަންދުވާނެ!
# އައިޖީއެމްއެޗް# މޫސުމީ ވިއްސާރަ 2024--
މާދަމާއަކީ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، އައިޖީއެމްއެޗްގެ ބައެއް ޚިދުމަތްތައް ނުލިބޭނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން މިރޭ ނެރުނު އިއުލާނެއްގައި ބުނީ މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީ، ދަރުމަވަންތަ ހިސްޕިޓަލާއި އައިޖީއެމްއެޗްއާއި ވިލިމާލެ ހޮސްޕިޓަލުން ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކް ޚިދުމަތްތައް ބަންދުވާނެ ކަމަށެވެ.
އޯޕީޑީއާއި ކްލިނިކަލް ޚިދުމަތްތައް މެދުކެނޑިގެން ދިޔަނަމަވެސް އައިޕީޑީ ހިދުމަތްތަކާއި ޓްރޯމާ އެންޑް އިމަޖެންސީގެ ޚިދުމަތްތައް މެދުނުކެނޑި 24 ގަޑިއިރު ކުރިއަށްދާނެ ކަމަށް އައިޖީއެޗުން ބުނެއެވެ.
މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ހަމަޖެއްސެވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ރާއްޖޭގައި މިހާތަނަށް ރެކޯޑުކުރެވިފައި ނެތް މިންވަރަށް ވާރޭވެހި، ބައެއް ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެ، އެތައް ގެޔަކަށާއި ވިޔަފާރިތަކަށާއި މުދަލަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއްލިބި، އަދި ގިނަބައެއްގެ އާންމު ދިރިއުޅުމަށް ބޮޑު ދަތިކަމެއް ކުރިމަތިވެ، ހިނގާބިނގާވެ އުޅުމަށާއި، އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށް ދަތިވެފައިވާތީއެވެ.